ރޯދަމަހުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ، މާލެއާއި ހުޅުމާލޭގައި ކަރަންޓު އެންމެ ގިނައިން ބޭނުންކުރި މިންވަރު ހުރީ 78 މެގަވޮޓްގައި ކަމަށެވެ. މިއީ ރޯދަމަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރި މިންވަރާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ. އެހެނީ ރޯދަމަހުގެ ކުރިން އެވްރެޖްކޮށް ޕީކް ގަޑީގައި 100 މެގަވޮޓަށްވުރެ މަތިން ކަރަންޓު ބޭނުންކުރެވިފައި ވާތީއެވެ.
ސްޓެލްކޯއިން ބުނާ ގޮތުގައި ކަރަންޓު ބޭނުންކުރި މިންވަރު މިހާ ބޮޑަށް ދަށަށް ގޮސްފައިވަނީ މައިގަނޑު ދެ ސަބަބަކާ ހުރެ ކަމަށެވެ. އެއީ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ވިއްސާރަ ދުވަހަކަށް ވުމާއި، ސްކޫލްތަކާއި އޮފީސްތައް ބަންދުވެފައި ހުރުމެވެ.

