ރާއްޖޭގެ ކުޅިވަރު ޖޯޒީ އުފައްދާ ކުރިއަރަމުން އަންނަ، ކާމިޔާބު ޖޯޒީ އެމްވީ އިން އެ ކުންފުނި ރީބްރޭންޑް ކުރުމުގެ މަސައްކަތް ނިންމައި، ކުންފުނީގެ ނަން “ޖޯޒީ” އަށް ބަދަލުކޮށް، އައު ލޯގޯއަކާއި ސްލޯގަނެއް ތަޢާރަފު ކޮށްފިއެވެ.
ޖޯޒީ އެމްވީގެ ފަރާތުން މައުލޫމާތު ދެމުން ބުނީ، މި ބަދަލާއެކު ކުންފުނިން އަމާޒު ހިފާފައިވަނީ ކުޅިވަރުވެރިންނަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އައު ސްލޯގަން ކަމުގައިވާ “ކީޕް އޮން މޫވިން” އަކީ ކުޅިވަރުވެރިންގެ ހިތްވަރާއި ކެތްތެރިކަން ދައްކުވައިދޭ ޝިޢާރެއް ކަމަށް ޖޯޒީ އެމްވީ އިން ވަނީ ފާހަގަކޮށްފައެވެ.
ކުންފުނީގެ ބްރޭންޑިންގ ގައި ރަތް ކުލައިން ކަޅު ކުލައަށް ބަދަލުވެފައިވާކަން ފާހަގަކޮށް، މިއީ ބްރޭންޑްގެ ބާރުވެރިކަމާއި ހަރުދަނާކަން ދައްކުވައިދޭ ބަދަލެއް ކަމަށާއި ކުރީގެ ލޯގޯގައި ހިމެނޭ “ޖޭ” އަކުރު ދަމަހައްޓާފައިވާ ކަމަށްވެސް ޖޯޒީ އެމްވީ އިން ވަނީ ބުނެފައެވެ.
“ޖޯޒީގެ ނަމުގައި އަޅުގަނޑުމެން މިގެންނަ ބަދަލަކީ ހަމައެކަނި ނަމެއްގެ ބަދަލެއް ނޫން. މިއީ ކުޅިވަރުވެރިންނަށް އިތުރު ހިތްވަރަކާއި ފޯރިއެއް ގެނެސްދޭނެ ބަދަލެއް،” ޖޯޒީ އެމްވީ،
ޖޯޒީގެ އައު ބްރޭންޑިންގ އާއެކު، ކުޅިވަރުވެރިންނަށް ބޭނުންވާ ފެންވަރު މަތި ތަކެތި ފޯރުކޮށްދިނުމުގައި އިތުރު ކުރިއެރުންތަކެއް ހޯދައި، ކުޅިވަރުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ޖޯޒީ އެމްވީ އިން ފާހަގަކޮށްފައިވެއެވެ.
ޖޯޒީއަކީ ދިވެހިރާއްޖޭގައި ކުޅިވަރު ތަކެތީގެ ވިޔަފާރީގައި ފާހަގަ ކޮށްލެވޭ ބްރޭންޑެއްގެ ގޮތުގައި ކުރިއަރަމުން އަންނަ ކުންފުންޏެކެވެ.

