މުދަލުގެ އަމާނާތަކީ އެންމެ މުހިންމު އަމާނާތްކަން ފާހަގަކުރައްވާ ހެޔޮގޮތުގައި މުދަލުން ހޭދަކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.
1446 ވަނަ އަހަރުގެ ރަމަޟާންމަހުގެ އެންމެ ފުރަތަމަ އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މިފަދައިން ވިދާޅުވިއެވެ. "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން" މި މަޢުޟޫއަށް ޚާއްސަކުރެވުނު މި ފޯރަމްގައި ވަޒީރު ވަނީ ކީރިތި ޤުރުއާނުގެ ބަސްފުޅުތަކުންނާއި ރަސޫލާގެ ސުންނަތުން ދަލީލު ނަންގަވައި ވާހަކަފުޅު ދައްކަވާފައެވެ.
މުދަލުގެ އަމާނާތް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމާއި، މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކިގޮތްގޮތުން އެހީތެރިކަމަށް ބޭނުންޖެހިފައިވާ އެހެން އިންސާނުންނަށް އުފާވެރިކަން ގެނެސްދިނުމަށްވެސް އިސްލާމްދީނުގައި އަންގަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް މާތް ﷲ ދެއްވާފައިވާ މަތިވެރި އަމާނާތް އަޅުގަނޑުމެން ހޭދަކުރަންވީ ގޮތް ﷲ ސުބްޙާނަހޫ ވަތަޢާލާ މި އުނގަންނަވައިދެއްވަނީ. އެންމެ ފުރަތަމަވެސް އަޅުގަނޑުމެންނަށް ﷲ ބަޔާންކޮށްދެއްވަނީ. ތިޔަބައިމީހުންގެ ކިބައިގައިވާ ތަނަވަސްކަން ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ ތަނަވަސްކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގައި އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭ ބަޔަކީ ތިޔަބައިމީހުންގެ މައިންބަފައިނޭ،" ކީރިތި ޤުރުއާނުގެ އަލީގައި ވަޒީރު ވިދާޅުވިއެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް 1446 ވަނަ އަހަރުގެ ރަމަޟާން މަހު ބޭއްވި ފުރަތަމަ ފޯރަމްގެ ތެރެއިން / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
"މުދަލުގައި ވާ އެންމެ ބޮޑު ޙައްޤަކީ ﷲގެ ޙައްޤު. މުދަލުގެ މައްޗަށް ﷲ އިސްލާމްދީނުގެ ރުކުނެއް ކަނޑައަޅުއްވާފައިވޭ. އެއީ ޒަކާތް ދިނުން،" ވަޒީރު ވިދާޅުވެ، މުދަލު ޒަކާތާއި ފިޠުރު ޒަކާތް ދެއްކުމުގެ މުހިންމުކަން ތަފްޞީލްކޮށް ބަޔާންކުރެއްވިއެވެ.
ހަލާލު ގޮތުގައި މުދާ ހޯދުމަށް މާތްﷲ ބާރުއަޅުއްވާފައިވާކަން ފާހަގަކުރައްވަމުން، ޙަރާމް ގޮތުގައި މުދާ ކެއުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން ރިޝްވަތަކީ ޙަރާމް ކުރައްވާފައިވާ ކަމެއްކަމަށާއި ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާ މީހާގެ މެދުވެރިއަކަށް ވާ މީހާއަކީވެސް މާތްﷲ ލަޢުނަތްލައްވާފައިވާ މީހެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޙަރާމް މުދާ ކެއުމުގެ ސަބަބުން މާތްﷲ އެމީހަކު ދަންނަވާ ދުޢާ އިޖާބަ ނުކުރައްވާނެކަންވެސް ވަޒީރު ހަނދާންކޮށްދެއްވިއެވެ.
މީގެއިތުރުން، ޤައުމަށް އައިސްތިބި ބިދޭސީންނަށްވެސް އިހްސާންތެރިވުމަށާއި ހެޔޮފޯރުކޮށްދިނުމުގެ މައްޗަށް އަލިއަޅުވާލައްވަމުން، އެއީ މާތްﷲ ލޯބިވެވޮޑިގަންނަވާ މާތް ސިފައެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

