ލ. ފޮނަދޫގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ޙައްލުކޮށް، ފެނުގެ ޚިދުމަތް އަލުން އިއާދަކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން ވަގުތީގޮތުން މެދުކެނޑުނު ފެނުގެ ޚިދުމަތް މިހާރުވަނީ އާންމު ހާލަތަށް އަނބުރާ ގެނެވިފައެވެ. މި މައްސަލަ ހައްލުކުރުމުގައި ރައްޔިތުން ދެއްވި އެއްބާރުލެއްވުން ފާހަގަކޮށް، ފެނަކައިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ފޮނަދޫގައި ހުރި ފެން ޕްލާންޓަށް މައްސަލަ ދިމާވެ، ފެން އުފެއްދުން ހުއްޓިފައިވަނީ މީގެ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ކުރިންނެވެ. މި މައްސަލައާ ގުޅިގެން ރަށުގެ ގިނަ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.
ފެނަކައިން މިކަމާ ގުޅޭގޮތުން “އެކްސް” މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވަނީ، މައްސަލަ ޙައްލުކުރުމަށް ކުންފުނީގެ ޓެކްނިކަލް ޓީމުން ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، މިހާރު ފެނުގެ ޚިދުމަތް ފުރިހަމައަށް އިއާދަކުރެވިފައިވާ ކަމަށެވެ.

