މަސްޖިދުލް ޝައިހް ގާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) ފުލް އެއާކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑް ކޮށް އާބާތުރަ ފިލުވުމަށްފަހު ހުޅުވާލައިފިއެވެ.
މި މަސައްކަތް ކޮށްފައިވަނީ އުރީދޫ މޯލްޑިވްސް އިން ގަތަރު ޗެރިޓީ އާއި ގުޅިގެންނެވެ.
މި މަސައްކަތް ނިމި، މިސްކިތް ހުޅުވާފައިވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރާޝިދު އަލް ފަހެއިދާ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން އެޗްޑީސީ އަދި އުރީދޫ މޯލްޑިވްސްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، “މިސްކިތް މަރާމާތުކުރުމުގެ މި މަޝްރޫއަކީ، އިޖްތިމާއީ ހައްގުގައި ޒަމާނުއްސުރެ އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތުގެ ހެއްކެއް” ކަމަށެވެ. އަދި މި މަރާމާތުތަކުގެ އަމާޒަކީ ރަމަޟާން މަހުގައި ހުޅުމާލޭގެ ގިނަ ބަޔަކު ބޭނުންކުރާ މި މިސްކިތުގައި އަޅުކަން ކުރާ ފަރާތްތަކަށް ފަސޭހަ ވެއްޓެއް ގާއިމުކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.
ގަތަރު ޗެރިޓީގެ ފަރާތުން ފައިސަލް ރަޝީދު އަލްފެހައިދާ ވިދާޅުވީ، އެ ޖަމްއިއްޔާގެ އަމާޒަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ނަމަވެސް މުޖުތަމައުތަކަށް ރަނގަޅު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

