ނަސީމުގެ މަސައްކަތަކީ ވިޔަފާރި ކުރުމެވެ. ރަށުގައި ރީޓެއިލް ވިޔަފާރި ކުރާ ފިހާރައެއް ހުޅުވައިގެން އެ މަސައްކަތުގައި ތާ އަބަދުމެ އުޅުމެވެ. ދެބައި އުމުރަށް ވުރެ މައްޗަށް ގޮސްފައިވާ އޭނާ އަށް ވިޔަފާރި ނޫން އެހެން ކަމެއް ދިރިއުޅުމުގައި ނުވާ ކަހަލަ އެވެ. މިހެން ބުންޏަސް އަނބި ދަރިންނަށް ވެސް އަޅާލައި އެހީތެރިކަން ފޯރު ކޮށްދެއެވެ. ނަމަވެސް އާއިލާއަށް ވަގުތު ދޭން ވާނެ ކަމަކަށް އޭނާ އަށް ގަބޫލެއް ނުކުރެވެއެވެ. އެ ވަގުތެއް ނުވެސް ދެވޭ މެއެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް އޭނާ ހުސްކޮށްފައި ހުރީ ވިޔަފާރިއަށެވެ. ފަތިސް ފަތިހާއި ފިހާރާގައި ހޭދަކުރާ ފަރާތަށް ކެއުމަށް ނޫނީ ގޭގެ އޮޅި ގިރާ ކުރެވޭ ކަމަކަށް ނުވެއެވެ. ގިނަ ރޭރޭގައި ގެއަށް އާދެވޭ އިރު ހުންނާނީ ރޭގަނޑުގެ 11:30 ހާއިރު ވެފައެވެ. ގެއަށް އަންނަ އިރު އަންހެނުންނަށް އޮންނަނީ ނިދިފައެވެ. އޭނާ އަށް ވެސް ވާ ގޮތަކީ ވެފައި ހުންނަ ވަރުބަލި ކަމާއެކު ނިދެނީއެވެ.
އަވަދިނެތި އުޅެން ޖެހުމުގެ ސަބަބުން ވިޔަފާރި ނޫން ކަމަކަށް ސަމާލުކަމެއް ނުދެވެއެވެ. ނަމާދެއް ނުކުރެއެވެ. އަންހެނުން އެކަމަށް ސަމާލުކަން ދިނުމަށް އެތަކެއް އާދޭހެއް ކުރެއެވެ. އެހެން ނަމަވެސް އެ ފަދަ މައުޟޫއު ތަކަށް ދެކެވޭ ވާހަކަ ތަކަށް އޭނާއަށް ދެވެނީ ބީރު ކަންފަތެކެވެ. އެކަން ކަމަކީ ހަޔާތުގައި މުހިއްމު ކަންތައް ތަކެއް ކަމަށް ނަސީމުއަށް ގަބޫލު ނުކުރެވޭތީ ވާނީވެސް އެހެންތާއެވެ.
އެއް ދުވަހަހެއްގެ އިޝާ ބަންގި ގޮވުމުން ވިޔަފާރި ވެރިޔާ ދިޔައީ ކެފޭ އަށެވެ. ރަޙްމަތްތެރިއަކު ގުޅުމުންނެވެ. ކެފޭއިން ކޮފީއެއް ބޮއިގެން ނުކުމެ ސައިކަލުގައި ގެއަށް ދިއުމަށް ދިޔަ ދިއުމުގައި މުސްކުޅިއަކު އޭނާއަށް ފެނުނެވެ. އެ މުސްކުޅިޔާ އަންނަނީ މިސްކިތުން ފައިބައިގެންނެވެ. ދުވަސް ވެފައި ހުރި ވަރުން ކިރިޔާ ހިނގޭކަމެވެ. ހިނގާއިރު ކުޑަކޮށް ކުރި މައްޗަށް ގުދު ވެފައި އޮތް އިރު ވާތުގައި ދަމަމުން ކަހަލަ ގޮތަކަށް މަޑުމަޑުން ކުރިއަށް ދިޔައެވެ. ދެންމެ ދެންމެ ވެއްޓި ދާނެ ހެން ހީވާ ކިތަންމެ ފަހަރެއް ދިޔައެވެ. އިރުކޮޅަކުން އެ މުސްކުޅި މީހާ ހުއްޓުނެވެ. މަގު ފާރެއްގައި ހިފަހައްޓައިގެން ހުރީ ވަރުބަލި ފިލުވާލަން ކަން ގައިމެވެ. މި މަންޒަރު ފެނި ވިޔަފާރި ވެރިޔާ ސައިކަލު ހުއްޓާލިއެވެ. ވަރަށް ޝައުގު ވެރިކަމާއެކު އެ މުސްކުޅިޔާގެ ހަރަކާތަށް ބަލަން މަޑުކޮށްލިއެވެ.
ވަރުބަލި ފިލާ ހާއިރު ކޮށްފައި މުސްކުޅިޔާ ހިނގައި ގަތެވެ. ވިޔަފާރި ވެރިޔާއަށް ގައިމެވެ. މިގޮތަށް ދާނަމަ އެ މުސްކުޅިޔާ އަށް ގެއާއި ހަމައަށް ދެވޭނީ ފަނަރަ މިނެޓް ހާއިރުންނެވެ. އާދައިގެ މީހަކަށް ފަސް މިނިޓް ވެސް ނުނަގާނެ ހިސާބަކަށް އެހާ ގިނައިރުން ދެވޭ އިރުވެސް އެ މުސްކުޅިޔާ އެ އަންނަނީ ނަމާދުންނެވެ. މިސްކިތުންނެވެ. ދުވަހަކު ހިތަށް އެ ކަހަލަ ޚިޔާލެއް ވެސް ނާންނަ ވިޔަފާރި ވެރިޔާއަށް މި ފެނުނު މަންޒަރުން ވިސްނަން މަޖުބޫރު ވެއްޖެއެވެ.
މުސްކުޅިޔާ ގެއަށް ވަންނަން ދެން ބަލަން ހުރުމަށްފަހު ސައިކަލު ގައި ގޮސް އެ ގޭ ކައިރިއަށް މަޑުކޮށްލިއެވެ. ސަލާމް ގޮވާލުމުން އެތެރެއިން ސަލާމް ބަލައިގަތީ މުސްކުޅިޔާއެވެ. ތުރުތުރު އަޅާ އަޑަކުން އޭނާ އެދުނީ އެތެރެއަށް ވަނުމަށެވެ.
ވިޔަފާރިވެރިޔާ ކުޑަ ކުޑަ އެ ގެއަށް ވަނެވެ. އާދައިގެ ގެއެވެ. އުވައިން ރާނައި އީޓުން ހިޔާކޮށްފައި ހުރި ކުރީގެ ގެއެކެވެ. މުސްކުޅިޔާ ނޫން އެހެން މީހެއް އެ ގެއަކު ނޫޅެއެވެ. ވިޔަފާރި ވެރިޔާ އޭނާ އޮޅުން ފިލުވަން ބޭނުންވި ކަންތަކުން ސުވާލު ކޮށްލިއެވެ.
އެހާ މުސްކުޅިވެ ގައިބާރު ދެރަ އިރުގައި ވެސް އެހާ މަސައްކަތުން މިސްކިތައް ދަނީ ކީއްވެތޯ ސުވާލު ކޮށްލިއެވެ. މުސްކުޅިޔާގެ ޖަވާބު ކުރުވެފައި ސާދާއެވެ. އޭނާ ކުޑަ އިރުއް ސުރެ މައިންބަފައިން ވަނީ ނަމާދަށް ޝައުގުވެރި ކުރުވާފައެވެ. އެހެން ކަމުން މިސްކިތަށް ނުގޮސް ހުރުމަކީ އޭނާއަށް އުނދަގޫވާ ކަމެކެވެ. ހިތަށް ނުތަނަވަސް ކަން ވެރި ކުރުވާ ކަމެކެވެ.
މުސްކުޅިޔާގެ ޖަވާބުން ހުއްޓުން އަރާފައި ވިޔަފާރި ވެރިޔާއަށް ހުރެވުނެވެ. މުސްކުޅިޔާގެ މި ބުނުމުން އެހެންޏާއި ނުކުރާ ފަދަ އަސަރުތަކެއް ވިޔަފާރިވެރިޔާއަށް ކުރިއެވެ. މުސްކުޅިޔާއަށް ޝުކުރު އަދާކުރުމަށްފަހު ވިޔަފާރިވެރިޔާ ދިޔައީ ފިހާރަ އަށެވެ. ފިހާރައިގައި ހުރި ނަމަވެސް އޭނާގެ ޚިޔާލުތަކުގައި އެނބުރެނީ މުސްކުޅިޔާ ނަމާދުން ފައިބައިގެން ހިނގަމުން އައި މަންޒަރެވެ. އޭނާ ސުވާލު ކުރުމުން މުސްކުޅިޔާ ދިން ޖަވާބެވެ. އެކަންކަމުގެ ސަބަބުން ހިތަށް ކޮންމެވެސް ވަރެއްގެ އުނދަގުލެއް ކުރިމަތި ކުރުވިއެވެ.
އެހެންކަމަށް ވުމާވެސް އެކު، ތަންކޮޅެއް އަވަހަށް ވިޔަފާރި ބަންދު ކޮށްލުމަށްފަހު އޭނާ ގެއަށް ދިޔައެވެ. މާއަވަހަށް ގެއަށް އައުމުން އަންހެނުން ސުވާލުކޮށް ހެދިއެވެ. ބަލީތޯ އޮޅުން ފިލުވިއެވެ. އެއިން އެއްވެސް ކަމަކަށް ޖަވާބު ނުދީ ވިޔަފާރި ވެރިޔާ ފެންވަރާލައިގެން އެނދުގައި އޮވެ ނިދޭތޯ މަސައްކަތް ކުރިއެވެ. ކައިރީގައި އޮށޯތް ގޮތަށް އަންހެނުން ނިދައި ފިއެވެ. ވިޔަފާރި ވެރިޔާ ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ ނިދޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް ލޮލަކަށް ނިންޖެއް ނައެވެ. ލޯ މަރާލާއިރަށް ފެންނަނީ އެ މުސްކުޅިޔާއެވެ. ކަންފަތުގައި ގުގުމަކުން ދިޔައީ އެ މުސްކުޅިޔާ ދެއްކި ވާހަކައެވެ.
ކިތަންމެ މަދު ބަސްކޮޅެއް ނަމަވެސް އެ ވާހަކަ ކޮޅާމެދު ވިސްނާން، އޭނާގެ ނަފުސު އޭނާއަށް މަޖުބޫރުކުރިއެވެ. ހަޔާތުން ކިތަންމެ ދުވަހެއް ބޭކާރު ވެއްޖެ ކަމުގެ އިޙްސާސް އޭނާއަށް ފުރަތަމަ ފަހަރަށް ކުރެވުނީ އެ ވަގުތުއެވެ. ފުރަތަމަ ފަހަރަށް ހަޔާތުގައި ބޭކާރު ވެގެން ދިޔަ ދުވަސްތަކާއި މެދު ހިތާމަ ކުރާ ހާލު ވިޔަފާރި ވެރިޔާގެ ދެ ލޯ ކަރުނައިން ތެމޭން ފެށިއެވެ. އުމުރުން ގެއްލިގެން ދިޔަ ބައި ގައި އުޅެވުނު ގޮތާމެދު ވިސްނާލެވި ހިތުގައި މަޑު ރިހުމެއް އެކުލެވިގެން ދިޔައެވެ. ލޯބިވާ އަނބިމީހާ އާއި މައިންބަފައިން ތަކުރާރުކޮށް ދީފައިވާ އަގުހުރި ނަސޭހަތްތަކުގެ އަޑުތައް ކަންފަތް ބުޑުގައި ތަކުރާރު ކޮށް އިވި އިވި ހުންނަހެން އޭނާއަށް އިހުސާސް ކުރެވެއެވެ. އިރު އިރުކޮޅާ އޭނާއަށް ގިސްލެވެއެވެ. ކުޑަ އިރުކޮޅަކު އެހެން އޮތުމަށް ފަހު ކައިރީގައި އޮތް އަނބިމީހާއި ދިމާއަށް ބަލައިލަމުން އޭނާ ތެދުވިއެވެ. މަޑުމަޑުން ގޮސް ވަނީ ފާޚާނާއަށެވެ.
ވިޟޫކޮށްލައިގެން އޭނާ ނަމާދު ކުރަން ފެށިއެވެ. އަލަކަށް ނޫނެވެ. އެހެނަސް އެތަށް ދުވަހެއް ފަހުންނެވެ. ސުންނަތް ދެ ރަކުއަތް ކޮށްލުމަށްފަހު ދެ އަތް މައްޗަށް ނަގައި ދުޢާ ކުރަން ފެށިއެވެ. ތައުބާ ވުމަށް އެދިއެވެ. ފަތިސް ނަމާދުގެ ބަންގި ގޮވީ ވިޔަފާރި ވެރިޔާ ދުޢާ ކުރަން ހުއްޓައެވެ. ބަންގީގެ އަޑަށް އަންހެނުން ތެދުވެ އެނދުމަތީގައި އިށީނެވެ. އޭނާގެ ނަޒަރު ހުރީ ވިޔަފާރި ވެރިޔާއާއި ދިމާއަށެވެ. އަންތަރީހުގެ ނަޒަރުން ބަލަން ހުރެވުނީ މިއިން ޒަމާނަކު އެފަދަ މަންޒަރެއް އޭނާއަށް ނުފެންނާތީއެވެ.
ބަންގި ގޮވަން ފެށުމުން ވިޔަފާރި ވެރިޔާ ތެދުވިއެވެ. ކޮޓަރިން ނުކުންނަން ހިނގައި ގަތެވެ. އެތަން ފެނިފައި އަންހެނުން ސުވާލު ކޮށްލިއެވެ. ދާ ތަނަކާއި ބެހޭ ގޮތުން ނެވެ. އޭނާ ޖަވާބު ކުރެވެ. މިސްކިތަށް ކަމުގައި ބުނި އިރު އެއަޑުގައި ވަނީ މޮޅިވެރިކަމެވެ.
އެތަކެއް އަހަރު ތަކަކަށްފަހު ފިރިމީހާ މިސްކިތަށް ދިއުމަށްޓަކައި ކޮޓަރިން ނުކުތްތަން ފެނިފައި އަނބިމީހާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލިއެވެ. ކައިވެނި ކުރީއްސުރެ އޭނާ އެކަމަކަށް އެދި ދުޢާ ކުރަމުން ދިޔަ އެއް ކަމަކީ އެއީއެވެ. އެކަން ހިންމަވައިދެއްވީތީ އޭނާ ހެއްދެވި ފަރާތަށް ޝުކުރު އަދާކުރިއެވެ.
-ނިމުނީ-

