ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމުގައިވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް މިއަދު ވަކިކޮށްފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކޮމިޓީތަކަށް ގެނައި ބަދަލުތައް އިއުލާންކުރެއްވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި، މާލިއްޔަތު ކޮމިޓީން އަޒާން ވަކިކޮށް، އެ މަގާމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން އައްޔަންކޮށްފައިވެއެވެ. އަދި 241 ކޮމިޓީން އަޒާން ވަކިކޮށް، އެ މަގާމަށް މެންބަރު މުހައްމަދު އިސްމާއިލް އައްޔަންކޮށްފައިވެއެވެ.
މި ބަދަލުތަކާއެކު، އަޒާން ވަނީ ޕެޓިޝަން ކޮމިޓީ އާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް އައްޔަންކޮށްފައެވެ. މި ބަދަލުތައް ގެނެސްފައިވަނީ، ފަހުން އަޒާން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅަށް ވޯޓު ދިނުމާ ގުޅިގެންނެވެ.
“އެއީ ޤާނޫނުއަސާސީއާ ޚިލާފު އިސްލާހެއް” ކަމަށް ބުނެ އަޒާން ވަނީ އެ ބިލަށް ވޯޓު ނުދެއްވާ ކަމަށް ވިދާޅުވެފައެވެ. މި ކަމާ ގުޅިގެން ޕީއެންސީގެ ޕީޖީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ވަނީ ވަކިކޮށްފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި ބަދަލުތައް ގެނެސްފައިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަށްފަހު، އަދި ސިޔާސީ ޕާޓީން ވަކިވުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީގެ ސުޕަ މެޖޯރިޓީން ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްފަހުގައި ކަމެވެ.

