މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ އާރްޓީއެލް ބަސްތަކުން ހިލޭ ދަތުރުކުރެވޭނެ ކަމަށް ބުނެ ހިންގަމުންދާ ސްކޭމަކާ ގުޅޭ ގޮތުން ރައްޔިތުން ސަމާލުވުމަށް އަންގާފައެވެ.
އެމްޓީސީސީން އެކްސް މެދުވެރިކޮށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވާ ގޮތުގައި މި ސްކޭމް ހިންގަމުންދަނީ “މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް” ނަމަކަށް ކިޔާ ފޭސްބުކު ޕޭޖަކުންނެވެ. މި ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ “ސްމާޓް ޕާސް” އަކާއެކު 3 މަސްދުވަހުގެ މުއްދަތަށް އާރުޓީއެލް ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށާއި، 500 ކާޑު އެންމެ 34.64 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށެވެ.
އެމްޓީސީސީން މިކަމާ ގުޅިގެން ދެއްކި ވާހަކަތަކުގައި، އެ ކުންފުނީގެ ފަރާތުން އައު ޚިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތައާރަފް ކުރާނަމަ، އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން ކުންފުނިން އިއުލާން ކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި އެ ސްކޭމް ހިންގާ ފަރާތާ އާރްޓީއެލް އާއި އެއްވެސް ގުޅުމެއް ނެތްކަން އެކުންފުނިން ފާހަގަކޮށްފައިވެއެވެ.
އެމްޓީސީސީން ވަނީ އެކުންފުނީގެ ނަން ބޭނުންކޮށް ރައްޔިތުންގެ އަތުން ނުހައްގުން ފައިސާ ހޯދުމަށް ކުރާ މިފަދަ ކަންކަން ކުށްވެރިކޮށް، އެ ސްކޭމް ޕޭޖު ރިޕޯޓް ކުރުމަށް ރައްޔިތުންނަށް ގޮވާލާފައެވެ. އަދި މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި އެމްޓީސީސީގެ ރަސްމީ ޗެނަލްތަކުން އަންނަ އިއުލާންތަކަށް އެކަނި ސަމާލުކަން ދިނުމަށްވެސް އެދިފައިވެއެވެ.

