ރަމަޟާންމަހާ ގުޅިގެން މާލޭ ސަރަހައްދުގައި ވެކްސިން ދޭ ގަޑިތަކަށް ބަދަލު ގެނެސްފިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ. މިގޮތުން މާލޭ ސަރަހައްދުގައި ހުރި 8 ތަނެއްގައި ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށްދާނެ ގޮތުގެ ތަފްސީލު އެޗްޕީއޭ އިން ވަނީ އާންމުކޮށްފައެވެ.
އެޗްޕީއޭ އިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ކުޑަކުދިންނަށް ވެކްސިން ދިނުމާއި ހެދިބޮޑުވުން މޮނިޓަރ ކުރުމުގެ ޚިދުމަތް ދޭ ދަމަނަވެށިން މި ޚިދުމަތް ދޭނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:15 އިން މެންދުރުފަހު 1:15 އަށެވެ. އަދި ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 9:00 އިން 10:00 އަށް ޓްރެވަލް ވެކްސިން ޖެހުމުގެ އިންތިޒާމް ދަމަނަވެށީގައި ވަނީ ހަމަޖައްސާފައެވެ.
ރަމަޟާން މަހު އޭޑީކޭ ހޮސްޕިޓަލުން ވެކްސިން ޖެހުން ކުރިއަށްދާނީ ރަސްމީ ދދާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 10:30 އިން މެންދުރުފަހު 1:30 އަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން ރޫޓިން ވެކްސިން ޖެހުން ހެނދުނު 10:15 އިން މެންދުރު 1:00 އަށް ކުރިއަށްދާއިރު، ޓްރެވަލް ވެކްސިން ޖެހުން ކުރިއަށްދާނީ ހޯމަ އަދި ބުރާސްފަތި ދުވަހުގެ ރޭގަނޑު 9:30 އިން 10:30 އަށެވެ.
މާލޭ ސަރަހައްދުގައި ވެކްސިން ދޭ އެހެނިހެން މަރުކަޒުތަކުގެ ތެރޭގައި ހުޅުމާލެ ފޭސް 2 ގައި ހުންނަ ޖީޕީ ކްލިނިކް، މެޑިކާ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި ސެނެހިޔާ ހޮސްޕިޓަލް ހިމެނެއެވެ.
ރަމަޟާން މަހާ ގުޅިގެންވެސް އެޗްޕީއޭ އިން ވަނީ ބަލިތަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ރަނގަޅު ކާނާ ބޭނުން ކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

