ސަރުކާރުގެ ފަރާތުން ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުއްރަޙްމާނެވެ.
މި ބިލަކީ ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރިގޮތެއްގައި ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާކުރުމާއި، ވިޔަފާރިކުރުމަށް މަގުފަހިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލުގައި ޖަނަވާރުގެ ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި، ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިކުރުމަށް އެކި އުސޫލުތައް ކަނޑައަޅާފައިވެއެވެ.
ބިލުގައި ޖަނަވާރު އެތެރެކުރުމާއި، ގެންގުޅުމާއި، ކާނާއާއި ބޭސް އެތެރެކޮށް ވިޔަފާރިކުރުމަށް ރަޖިސްޓްރީވާންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޖަނަވާރުގެ ރައްކާތެރިކަމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ޤާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރާއެވެ.
ބިލުގައި ޖަނަވާރުތަކާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައްވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10،000 ރުފިޔާއިން 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ގަވައިދާ ޚިލާފަށް ޖަނަވާރު އިމްޕޯޓުކޮށް އެކްސްޕޯޓުކޮށްފިނަމަ 5،000 ރުފިޔާއިން 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
ޚާއްސަކޮށް ފާހަގަކޮށްލެވެނީ، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ ނުވަތަ ޖަނަވާރަށް އަނިޔާއެއް ދީފިނަމަ 5،000 ރުފިޔާއިން 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެކަމެވެ. މިއީ މިހާރުވެސް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.

