ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ބަދަލުކުރުމަކީ ޕާލިމެންޓްރީ ގްރޫޕްތަކުގައި އަބަދުވެސް ހިނގާކަމެއްކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގެ ބައެއް ކޮމިޓީތަކުގައި އެ ޕާޓީގެ ފަރާތުން ތިއްބަވާ މެމްބަރުން ބަދަލުކުރުމާއި ގުޅިގެނެވެ. އޭނާ ވިދާޅުވީ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން ބަދަލުކުރުމުގައި ބަލަނީ އެކި ކަންކަމުގެ މައްޗަށް ކަމަށެވެ.
“ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން ބަދަލުކުރަނީ ޕީޖީ ގުރޫޕުގެ ޢަދަދާއި ކޮމެޓީތަކުގެ ޢަދަދާއި މެންބަރުން ކޮމެޓީގެ ހާޒިރީއަށް ދެއްވާ އަހްމިއްޔަތުކަމާއި ކޮމެޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމުގެ މައްޗަށް ބިނާ ކޮށް،” ފަލާހު ވިދާޅުވިއެވެ.
މި އުސޫލުގެ ދަށުން އެކި ކޮމެޓީތަކަށް އެކި މެންބަރުން އެކި އިރު ބަދަލު ގެނައުމަކީ 17، 18، އަދި 19 ވަނަ މަޖިލީހުގަވެސް ޢާންމުކޮށް އެކަން ހިނގި އުސޫލުކަމަށް ފަލާހު ފާހަގަކުރެއްވިއެވެ. އަދި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައިވެސް މިފަދަ ބަދަލުތައް ގެނެވިފައިވާ ކަމަށާއި، ކުރިއަށް އޮތްތާނގައިވެސް ކޮމިޓީތަކަށް އެ ވަގުތަކަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

