ސައުދި އަރަބިއްޔާއިން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ބުނީ، މި ކަދުރު ރަސްމީކޮށް ހަވާލުކޮށްފައިވަނީ އިއްޔެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހާމަކޮށްދޭ ކަމެއްކަން ފާހަގަކުރެވެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައިވަނީ “ސައުދީގެ އިސްލާމީ ވުޒާރާގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާ،” ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މީގެ ކުރިން ސައުދީން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. އަދި އެ ކަދުރު ރަށްތަކަށް ބެހުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖެއާއި ސައުދި އަރަބިއްޔާއަކީ ޒަމާންވީ ރަހުމަތްތެރި، އަދި ގުޅުން ބަދަހި ދެ ގައުމެކެވެ

