ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓާލުމަށް އިސްރާއީލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނީ، އިސްރާއީލުން މި ނިންމި ނިންމުމަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި، އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ.
އިސްރާއީލުން ހިންގަމުންދާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށާއި، ބައިނަލްއަގްވާމީ މުޖުތަމައުގެ ޖަވާބުދާރީވުމުގެ ނިޒާމުތައް އިތުރަށް ޒިންމާދާރުކުރުވުމަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ. މީގެއިތުރުން، ޣައްޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި މެދުކެނޑުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައިވެއެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެން ކަމަށެވެ.

