ނިފާސްކަމުގެ މުއްދަތު ނޭނގުމުގެ ސަބަބުން ހިފުނު ރޯދައިގެ މައްސަލަ
ސުވާލު:
އަޅުގަނޑު ވިހައިގެން ސާޅީސްދުވަސް ވުމުން ހިނައިގަތުމަށްފަހު ހުރީ ރަމަޟާންމަހު ރޯދައަށެވެ. ގާތްގަޑަކަށް 3 ދުވަސް ފަހުން އަނެއްކާވެސް ލެއި ފެނިއްޖެއެވެ. އޭގެފަހުން ހިނައިނުގަނެ، ކުރީގެ ހިނެއުން މަތީގައި ހުރެގެން 6 ރޯދަ ހިފައިފީމެވެ. އެއީ ނިފާސް ކަމުގެ ދިގުމުއްދަތަކީ 40 ދުވަސްކަމަށް ހީކޮށެވެ. ނަމަވެސް ފަހުން އެއީ 60 ދުވަސްކަން އެގުމުން ބާކީ ރޯދަތައް ހިފީ އަނެއްކާ ހިނާގަތުމަށް ފަހުގައެވެ. ވީމާ އަޅުގަޑު ކުރީގައި ހިފި ރޯދަތައް އަނެއްކާ ހިފަންޖެހޭނެތޯއެވެ؟
ޖަަވާބު:
ނިފާސްކަމުގެ މުއްދަތަކީ މަދުވެގެން ހިނދުކޮޅެކެވެ. ގިނަވެގެން 60 ދުވަސް ކަމުގައި ގިނަ ދަންނަބޭކަލުން ވިދާޅުވެފައިވެއެވެ. އިމާމު މާލިކުގެ އަރިހުގައި 70 ދުވަހެވެ. އަދި މެދު މިންވަރަކީ 40 ދުވަހެވެ. އެބަހީ 40 ދުވަހަށް އިންތިޒާރު ކޮށްފައި ލޭ ނާންނަ ކަމުގައި ވާނަމަ އެހިސާބުން ހިނައިގަންނާނީއެވެ. ނަމަވެސް އުޞޫލެއްގެ ގޮތުން ޢިލްމުވެރިން ބައްލަވައި ހައްދަވަނީ ކޮންމެ އަންހެނެކަށް ވެސް އެމީހެއްގެ އާދައަށެވެ.
އެކަކަށް ވުރެން ގިނަ ކުދިިން ވިހައިފައި ހުންނަ އަންހެނާ ޢަމަލުކުރާނީ އޭނާގެ އާދައަކީ ކޮބައިތޯ ބަލައި، އެއަށެވެ. މިސާލަކަށް އަލަށް ވިހެއުމަށްފަހު 15 ވަރަކަށް ދުވަހުން ލެއިކެނޑި، ލެއިއައުން ބަންދު ވެފައި، ދެން ލެއި ނައިސްހުރެ 40 ވުމުން ހިނައިގަންނާނީއެވެ. އޭގެ ފަހުން ދެވަނަ ކުއްޖާ ވިހެއި އިރުވެސް 15 ވަރަކަށް ދުވަހު ލެއި އައިސްފައި ކެނޑިއްޖެނަމަ، މިފަހަރު 40 ވަންދެން އިންތިޒާރު ކުރުމެއްނެތި، ތިމަންނާގެ އާދައަކީ 15 ދުވަސްކަމުގައި ބަލައިގެން، 15ގެ ފަހުން ހިނައިގަންނާނީއެވެ.
ކޮންމެއަކަސް ތިޔަ ވިދާޅުވި ގޮތަށް އާދައަކީ ކޮބައިކަން އެނގުމެއްނެތި، ނުވަތަ ފުރަތަމަ ފަހަރަށް ވިހެއިމީހަކު ނަމަ، 40ގެ ފަހުންވެސް ލެއި ފެނިއްޖެނަމަ އެއީ ނިފާސްވެރިކަން ކަމުގައި ބަލައި 60 ދުވަހަށް އިންތިޒާރުކޮށް އޭގެފަހުން ހިނައިގަންނާނީއެވެ. އަދި ކުރީގައި ތިޔަ ހިއްޕެވި ރޯދަ އަލުން ހިއްޕަވާނީއެވެ. އެއީ ރޯދަ ހިފުނީ ނިފާސްކަމުގެ މުއްދަތު ނުނިމެނީސް ކަމަށް ވާތީއެވެ. އެކަމަކު ކުރީގައި އެހިފުނު ރޯދައަކީ މަނާވަގުތެއްގައި ހިފުނު ރޯދައަކަށްވި ކަމުގައި ވިއަސް އެކަމާމެދު އެއްވެސް ފާފައެއް އަދި ގެއްލުމެއް ނުލިބޭނެއެވެ. އެއީ ރޯދަހިފުނީ އެކަމުގެ މައްސަލަ ނޭގިކަމުގައި ވާތީއެވެ.
[ޙުސައިން ރަޝީދު އަޙްމަދު / ލިޔުންތެރިންގެ ގުޅުން]

