މިދިޔަ ޖެނުއަރީ މަހު ހެންވޭރު ގެެއެއްގެ ތެރޭގައި ހިންގާ އޮފީހެއް ބަލައި ފާސްކޮށް، ހިންގި އޮޕަރޭޝަނެއްގައި އެ އޮފީސް ތެރެއިން އަތުލައިގަތް 49،000 ސިނގިރެޓް ފޮށި ނައްތާލުމަށް ސިއްހީ ވުޒާރާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ހ. ހުޅުގަލިގެ އެންމެ ތިރީ ފަންގިފިލާގައި ހިންގާ އަމިއްލަ އޮފީހެއްގެ ތެރޭގައި ސިނގިރޭޓް އުފައްދަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރީ ޖެނުއަރީ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މައުލޫމާުތު ލިބޭ ގޮތުގައި މި އޮފީހުގައި ހިންގަމުން އައީ ރޭޑިއަސް ނަމަކަށް ކިޔާ ކުންފުންޔެއްގެ އޮފީހެކެވެ.
މި މައްސަލަ އާއި ގުޅޭގޮތުން ފުލުހުން މިއަދު ވިދާޅުވީ، މި މައްސަލައިގައި 49،000 ސިނގިރޭޓް ފޮށި އަތުލައިގަނެފައިވާ ކަމަށާއި، މި ސިނގިރޭޓްތައް ނައްތާލުމާއި މެދު ގޮތެއް ނިންމުމަށް ސިއްހީ ވުޒާރާއަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށެވެ. އަދި ހަމައެއާއެކު، މި މައްްސަލައިގެ ތުހުމަތު ކުރެވޭ ރޭޑިއަސް ވިޔަފާރި އާއި މެދު ގޮތެއް ނިންމުމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއަށްވެސް ސިޓީ ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ސިނގިރޭޓް އުފެއްދުމާއި، ބުއިމާއި، އެތެރެކުރުން މަނާކުރެވުނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުގައެވެ.

