ގާތްގާތުގައި 2 ބިލް ފޮނުވާފައިވަނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން މުޅި ރޯދަ މަހުގެ ޔޫސޭޖަށް އެއް ބިލު ތައްޔާރުކުރަންކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ސްޓެލްކޯއަކީ ގައުމީ ޚިދުމަތުގެ 75 އަހަރުގެ ރެކޯޑެއް އޮތް ކުންފުންޏެއްކަމަށާއި، ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ. އެމްޑީ ފަހުމީ އެކްސްޕޯސްޓެއްގައި މިހެން ވިދާޅުވެފައި މިވަނީ ގާތްގާތުގައި 2 ބިލު ފޮނުވުމާއި ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.
ފަހުމީ ވިދާޅުވެފައިވަނީ ގާތްގާތުގައި ދެ ބިލު ފޮނުވަން ނިންމީ ކަސްޓަމަރުންގެ ފައިދާއަށްކަމަށާއި، އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއް ނޫންކަމަށެވެ. މިހާރު ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިންގ ސައިކަލްގައި ހިމެނޭ ރީިޑިންގ ނެގުމަށްފަހު ބިލު ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާފައިވާ ބިލެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަމިއާއެކު، ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް މި ބިލް ދެއްކުމަށް 30 ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މި ބިލް ފޮނުވުމުގެ މައިގަނޑު މަގުސަދަކީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން މުޅި ރޯދަމަހުގެ ޔޫސޭޖަށް އެއް ބިލު ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުން ކަމަށްވެސް ވިދާޅުވިއެވެ.
"މީގެ ކުރިން މި ދެންނެވި ބެކްލޮގާއެކު އެ ބިލު ފޮނުވާނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް. އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދާދިނުމަކީ މީގެ އެއް މަގުސަދު،" ފަހުމީ ވިދާޅުވިއެވެ.
އެޕްރީލް މަހުން ފެށިގެން އައު އުސޫލެއް ގެންނަން ވަނީ ނިންމާފައެވެ. އެގޮތުން މަހުގެ ފަހު ހަފްތާގައި ރީޑިންގ ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު ބިލް ޑެލިވަރ ކުރާނެއެވެ. މިގޮތަށް ހަމަޖެއްސުމުން ކަސްޓަމަރުންނަށް ބިލުގައިވާ ރީޑިންގ އާއި މީޓަރާއި އަޅާ ކިޔުމުގެ ފުރުސަތު ލިބި، ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް އިތުރުވެގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ރޯދަމަހު ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައެވެ. އެގޮތުން އެންމެ މަދުވެގެން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި ޑިސްކައުންޓު ދިނުމުގައި ބަލާނީ ފާއިތުވީ އެއް އަހަރު ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ. އަދި އިތުރުވާ އަދަދަށް ޑިސްކައުންޓު ދޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

