18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެތުލެޓިކްސް ޓީމް ފައިނަލްކޮށްފިއެވެ.
ސައުދީ އަރަބިއްޔާގެ ދައްމާމްގައި އޭޕްރީލް މަހުގެ 15 އިން 18 އަށް ކުރިއަށްދާ އޭޝިއާ ސަރަހައްދުގެ ޖޫނިއާ މުބާރާތުގައި ވާދަކުރާނީ އަންހެން ތިން އެތުލީޓުންނާއި ފިރިހެން ދެ އެތުލީޓުންނެވެ.
މިފަހަރުގެ ޖޫނިއާ އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ތިން އަންހެން އެތުލީޓުންނަކީ ރައިން މުޙައްމަދު އާއި އާމިނަތު ލުހްޔާ އަހުމަދުގެ އިތުރުން ޒީކް އަޝްރަފް ރަޝީދުއެވެ. މި މުބާރާތުގައި ވާދަކުރާ ފިރިހެން ދެ އެތުލީޓުންނަކީ އަހުނަފް ރައްޔާން ފަހުމީ އާއި ޔޫސުފް ނައިކް ވަޖީހުއެވެ.
ޖޫނިއާ އޭޝިއަން ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ޖޫނިއާ އެތުލީޓުންނަށް ބައިނަލްއަގްވާމީ ތަޖުރިބާ ހޯދަން ލިބޭ މުހިންމު ފުރުސަތެކެވެ. އެންމެ ފަހުން 18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރީ އަހްނާ ނިޒާރު އާއި ޒިވާ މޫސާ ޝަފީއުގެ އިތުރުން ޒިއުޒް މުޙައްމަދު ސުއާދުއެވެ. 2023 ވަނަ އަހަރު އުޒްބެކިސްތާންގެ ޓަޝްކެންޓްގައި ކުރިއަށްދިޔަ މި މުބާރާތުގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލް އިވެންޓުގައި އަހުނާ ވާދަކުރިއެވެ. ސެމީ ފައިނަލް ހީޓު އަހުނާ ނިންމީ 12.90 ސިކުންތުންނެވެ. އަހުނާ ވާދަކުރީ 100 މީޓަރު ދުވުމާއި، 200 މީޓަރު ދުވުމުގައެވެ. ޒިވާ ވާދަކުރީ 200 މީޓަރު ދުވުމާއި، 400 މީޓަރު ދުވުމުގައެވެ. ޒިއުޒް ވާދަކުރީ 200 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުގައެވެ.

