ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ސިލްސިލާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން އަތޮޅުތަކުގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ގދ. ގައްދޫގައި އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި ފޯރަމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ގައްދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ޙަރަކާތެކެވެ.
ގައްދޫގައި ބާއްވާ މި އިޙްޔާ ފޯރަމް ޚާއްސަކޮށްފައިވަނީ “ނުރަނގަޅު އާދަތައް ދޫކުރުން” މި މަޢުޟޫއުގެ މައްޗަށެވެ. މި ފޯރަމްގައި ތަޤުރީރު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް ޢަބްދުްދުﷲ ސަޢުދާނެވެ. ފޯރަމް އޮންނާނީ މިރޭ 21:30 ގައި ގދ. ގައްދޫގެ ޓަރފް ވޮލީ ކޯޓުގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތަކުގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަތޮޅުތަކުގައި އިޙްޔާ ފޯރަމް އޮންނާނީ ގައްދޫގެ އިތުރުން ހދ. ނާވައިދޫ، ތ. ގުރައިދޫ، ފުވައްމުލަކު ސިޓީ، ހއ. ބާރަށް، ނ. މަނަދޫ އަދި ރ. މީދޫގައެވެ. މި ފޯރަމްތައް އޮންނާނީ ކޮންމެ ހުކުރު އަދި އަންގާރަ ދުވަހެއްގެ ރޭގަނޑެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ، ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ރަމަޟާން މަހުވެސް މާލޭގައި އަދި އަތޮޅުތަކުގެ ރަށްތަކުގައި ބާއްވާ ފޯރަމްގެ އިތުރުން ސްކޫލް ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އަހަރުގެ ސްކޫލް ދަރިވަރުންގެ ފޯރަމްގައި 6 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. ދަރިވަރުންގެ ފޯރަމްތައް އޮންނާނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ރޭގަނޑެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް އިޙްޔާ ފޯރަމްތަކަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްތަކަކީ ރަމަޟާން މަހުގެ ބަރަކާތްތެރި ރޭތައް އިޙްޔާ ކުރުމަށާއި، އިސްލާމީ ތަޢުލީމު ފެތުރުމަށް ބާއްވާ މުހިންމު ޙަރަކާތްތަކެކެވެ.

