މުލަކަތޮޅު މުލީ އެއަރޕޯޓުގެ މަސައްކަތް ނިމި ޓެސްޓް ފްލައިޓް ޖޫން މަހުގެ ފުރަތަމަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރީޖަނަލް އެއަރޕޯޓްސް ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ މުޅި މަސައްކަތުގެ 85 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
މ. އަތޮޅުގެ ފުރަތަމަ އެއަރޕޯޓް ކަމަށްވާ މުލީ އެއަރޕޯޓުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވި ގޮތުގައި މަޝްރޫޢުގެ ބޮޑެތި މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. ނަމަވެސް “އެއަރޕޯޓަށް ކޮންޓްރެކްޓަރަށް ބޭނުންވާ ބައެއް ވަސީލަތްތައް ރާއްޖެއިން ބޭރުން ގެނައުމުގައި ދަތިތަކެއް ހުރުމުން މަސައްކަތުގައި ބައެއް ލަސްތައް އެބަހުރި” ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޓީސީސީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިވަގުތު ކުރިއަށްދަނީ ޓަރމިނަލް އަދި އެހެނިހެން އިމާރާތްތަކުގެ ފިނިޝިންގ މަސައްކަތްތަކެވެ. އެއަރޕޯޓުގެ ރަންވޭގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ. އަދި މިވަގުތު އެންމެ އިސްކަމެއް ދެމުންދަނީ ޓަރމިނަލަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތަށެވެ.
މި މަޝްރޫޢުގައި ހިމެނޭ ބިން ހިއްކުމުގެ މަސައްކަތުގެ 90 އިންސައްތަ ވަނީ ނިމިފައެވެ. މިގޮތުން ރަންވޭ ވަށައިގެންވާ ސަރަހައްދުގެ ބޮޑު ހިލައިގެ ރިވެޓްމަންޓްގެ މަސައްކަތް ނިންމައި، ހިއްކަން ޖެހޭ ހިސާބަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
ރީޖަނަލް އެއަރޕޯޓްސްއިން ބުނާ ގޮތުގައި، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމައި، ރަންވޭގައި ޓެސްޓް ފްލައިޓް ބޭއްވުމަށް ވަނީ ރޭވިފައެވެ. މިކަމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

