އދ. މަހިބަދޫގައި ހުންނަ އދ. އަތޮޅު ހޮސްޕިޓަލަށް ތަފާތު 8 ދާއިރާއަކުން ދިވެހި ޑޮކްޓަރުން ހޯދުމަށް އިޢުލާންކޮށްފިއެވެ.
އެ ހޮސްޕިޓަލުން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހޯދަން ބޭނުންވަނީ ސީނިއާ ކޮންސަލްޓަންޓް، ކޮންސަލްޓެންޓް، އެނެސްތީސިއޮލޮޖީގެ އެސޯސިއޭޓް ސްޕެޝަލިސްޓް، ސާޖަރީ، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ، ޕީޑިއެޓްރިކްސް، ރޭޑިއޮލޮޖީ އަދި އިންޓާނަލް މެޑިސިންގެ ދާއިރާތަކުން ކޮންމެ ދާއިރާއަކުން އެއް ޑޮކްޓަރެވެ.
މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު އަދި އިމްތިޙާން މި މަހުގެ 20 އާއި 30 އާ ދެމެދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އދ. އަތޮޅު ހޮސްޕިޓަލަކީ އެ އަތޮޅުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ އެންމެ މައި މަރުކަޒެވެ. މި އިޢުލާނާއެކު އިތުރު ދިވެހި ޑޮކްޓަރުން ހޮސްޕިޓަލަށް ގުޅުމުން، އެ ސަރަޙައްދުގެ ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.

