މިއީ މިގައުމުގައި ފެތުރެމުންދާ، ހައްލެއް ހޯދިފައި ނެތް ބިރުވެރިކަމެއްގެ ވާހަކައެވެ. އަދު މި ރާއްޖޭގެ ކޮންމެ ދިމާއަކަށް ދިޔަކަމުގައިވިޔަސް، ކޮންމެ އާއިލާއެއްގެވެސް ކޮންމެވެސް އެއްހިސާބެއްގައި އޮތް ކަންބޮޑުވުމެކެވެ. އެޗްއައިވީއަށްވުރެ ނުރައްކާތެރި ވައިރަސްއެކެވެ. އޭގެ ފަރުވާއަކަށް ބޭހަކުން ފަންޑިތައަކުން ރުޤުޔާއަކުން ޝިފާއެއް ނެތް ކަމެއްގެ ވާހަކައެވެ. ހަމައެކަނި އީމާންތެރިކަމުން ނޫނީ ފަރުވާ ނުދެވޭނެ ބައްޔެކެވެ.
މިއަދު ސޯޝަލްމީޑިއާގައި ފެތުރެމުންދިޔަ ހަބަރު ފެނުމާއެކު ހިތަށް އެރިއެވެ. އެވެސް ކޮންމެވެސް ފިރިހެނަކާއި އަންހެނަކު އެކުވެގެން ލިބިފައިވާ ދަރިންތަކެކެވެ. މަންމައަކާއި ބައްޕައަކާއި އާއިލާއެއް އޮންނާނެ ބައެކެވެ. ފަހަރެއްގައި މީހުންނާއިނދެގެން ދަރިންވެސް ތިބި ބައްޕައިންތަކަކަށްވެސް ވެދާނެއެވެ. ޔަގީނުންވެސް އެމީހުންނަކީ ޒިންމާއެއް ނެތް މިނިވަން ދޫނިތަކެއް ނޫނެވެ. އެކަމަކު އެމީހުން، އެދުވަނީ ދެދުނިޔޭގެ އަބާއްޖަވެރިކަން ފަހަމުންނެވެ. މުޖުތަމައު ހަލާކުވެ، ޅަޒުވާނުންނާއި ކުޑަކުދިންވެސް ހަލާކުކުރަމުންދާ ނުބައިވެގެންވާ އަމަލުން ސަލާމަތްވުމަށް ލިބުނު ފުރުސަތަަށްވުރެވެސް އޭގެ ބޭނުން އެމީހުންނަށް މުހިންމުވީ މަސްތުވުމެވެ.
ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ މަސްތުވާތަކެތީގެ ފަރުވާގެ ފުރުސަތު ދީފައިވަނިކޮށް، ހުޅުމާލޭގައި ހުންނަ ފަރުވާގެ ސެންޓަރުން ފިލައިގެން އުޅުނު ދެ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން 15 ދުވަސް ބަންދަށް ދީފައިވާ ދެމީހުންނަކީ، ޔަރާއި ބަންދުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ. އެއީ މާލެއަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނަކާއި އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ 37 އަހަރުގެ ފިރިހެނެއް ކަމަށާއި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، މިފަދަ ހާދިސާތައް ހިނގަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މި ދެމީހުންފަދަ ކިތަންމެ ބަޔަކު އެބައުޅެއެވެ. ފަރުވާއަށް އަމިއްލައަށް ގޮސް އުޅެފައިމެ އެނބުރިއައުމާއެކު މަސްތުގެ ތެރެއަށް ގެނބިގަންނަ މީހުންނެވެ. އަމިއްލަ އަށް ފަރުވާއަށްދާ މީހުުންގެތެރެއިން ބައެއް މީހުންނާއި، ފުލުހުންގެ ހައްޔަރުން، ޖަލަށް ދާން ޖެހިދާނެ ކަމުގެ ބިރަށް ފަރުވާއަށް ދާ މީހުންގެތެރެއިން ބައެއް މީހުންނަކީ ފަރުވާގެ ތެރޭގައި ކެތްނުވެގެން އޮޅާލާފައި ނޫނީ ފިލައިގެން ނުކުމެ މަސްތުވާތަކެއްޗާ ދިމާއަށް ދުއްވައިގަންނަ މީހުންނެވެ. މިއީ އަދުގެ މުޖުތަމައު ދެކޭ ހިތާމަވެރި ކަންކަމެވެ.
ފަރުވާގެ ފުރުސަތު ލިބުމުން އޭގެ ބޭނުން ހިފައިގެން އަނބުރާ މުޖުތަމައަށް ހެޔޮ އިންސާނެއްގެ ގޮތުގައި ނުކުންނަ މީހުން މަދު ވިޔަސް އެފަދަ މީހުންގެ ހިތްވަރަށް ސެލިއުޓް ނަގަންޖެހެއެވެ. އެއީ އެފަދަ މީހުން ކުރާ ހިތްވަރާއި މަސައްކަތަށްޓަކައި ހައްގު ސާބަސްދިނުމެއްކަން ޔަގީނެވެ.
މި ބަރަކާތްތެރި ރަމަޟާންމަހު މަސްތުގެ ވަބާއިން ސަލާމަތްވުމަށް ހިތްވަރު ކުރާ މީހުންނަށް ހެޔޮ ތައުފީގާއި ކާމިޔާބު ދެއްވުން އެދެމެވެ، އާމީން!

