ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ 150 މެގަވޮޓުގެ ސޯލަރ މަޝްރޫޢާއެކު އިންޖީނުތައް 8 ގަޑިއިރު ނިއްވާލިޔަސް މާލެ ސަރަހައްދަށް ކަރަންޓުދެވި ތެލަށްކުރާ ޚަރަދު ބޮޑުތަނުން މަދުކުރެވޭނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، މި މަޝްރޫޢާއެކު މާލެ ސަރަހައްދަށް ދުވާލު ގަޑީގައި އިންޖީނުތައް ނިއްވާލައިގެން ކަރަންޓު ދެވިދާނެ ކަމަށެވެ. “7 ނުވަތަ 8 ގަޑިއިރު އިންޖީނު ނިއްވާލައިގެން ތެޔޮ އެންދުމެއް ނެތި ކަރަންޓު ދެވޭނެ، މީގެ ސަބަބުން ތެލަށްކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވޭނެ” ކަމަށް ފަހުމީ ވިދާޅުވިއެވެ.
ރާއްޖޭގައި ފޯރުކޮށްދޭ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސް މުޢިއްޒުގެ ވަޢުދެކެވެ. މި ވަޢުދާ އެއްގޮތަށް ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯންގައި އިރުގެ އަލިން 150 މެގަވޮޓުގެ ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ސޯލަރ މަޝްރޫޢު ނިމުމުގެ ކުރިން އިންޖީނު ނިއްވާލައިގެން ކަރަންޓު ދިނުމުގެ މަގު ފަހިކުރުމަށް މާލެ ސަރަހައްދުގެ ގޭބިސީތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފަހުމީ ވިދާޅުވިއެވެ. މި މަސައްކަތް ރޯދަމަހަށްފަހު ފެށި، އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.
“ސްމާޓް މީޓަރު ހަރުކުރީމަ އެކި ވަގުތުތަކުގައި ތެލުން އަދި އަވިން އުފައްދާ ހަކަތައިން ކަރަންޓު ދިނުމުގެ މަގު ފަހިވާނެ. އަދި ސްމާޓް މީޓަރުން ރިއަލް ޓައިމްގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު އެނގެން ހުންނާނެ،” ކަމަށް ފަހުމީ ވިދާޅުވިއެވެ.
އެސްއީޒެޑްގައި ޤާއިމުކުރާ ސޯލަރ މަޝްރޫޢުގެ އިތުރުން، “މަގޭ ސޯލަރ” ޕްރޮގްރާމްގެ ދަށުން ގޭބިސީތަކުގައިވެސް ދަނީ ސޯލަރ ޕީވީ ހަރުކޮށްދެމުންނެވެ. އަދި މިރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވި ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ދެވޭނެކަމުގެ ޔަޤީންކަން ފަހުމީ ވަނީ ދެއްވާފައެވެ.

