މިއީ އަހަރެންގެ ވާހަކައެވެ. ރީތިވާ މޭޒުދޮށުގައި އަހަރެން ހުރީ މިޜޭގެ ޕާޓީއަށް ތައްޔާރުވުމަށެވެ. މިރެއަކީ ބޮޑު، އުނހު، ވަރަށް ބޮޑު ރެއެކެވެ. އަހަރެންގެ ދަރިފުޅުގެ ކައިވެނީގެ ރެއެވެ. ވަގުތުދާލެއް ހާދަ އަވަހެވެ. އިއްޔެގެ ކަމެއްހެން އަހަރެންގެ ޅަފުރާ ހަނދާން އެބަހުއްޓެވެ. އެކަމަކު މިއީ އޭގެ ސާޅީސް އަހަރު ފަހެވެ. އަހަރެންގެ އުމުރުން ސާޅީސްނުވަ އަހަރުވީއެވެ. ހާހް، ފުންނޭވާއެއް ލެވުނެވެ.
ތައްޔާރުވެ ނިމިއްޖެއެވެ. އެކަމަކު ކުއްލިއަކަށް ކަމެއް ހަނދާން ވެއްޖެެވެ. ލައިގެން ހުރި ހެދުމުގެ އަތުކުރި މައްޗަށް އޮޅާލާފައި ބަލާލީމެވެ. ދެ އަތުގައިވެސް ފަނޑުވަމުންދާ ރޮނގުތަކެއްހެން އެހެރީ އަހަރެންގެ މާޒީ ކިޔައިދޭ ލަކުނުތަކެވެ. މިކަހަލަ ލަކުނުތަކެއް ގައިގެ އެކިދިމަދިމާލުގައި މަދުމަދުން ހުންނާނެއެވެ. ލައިގެން ހުންނަ ހެދުމަކުން ނިވާވެފައި ހުންނަ ތަންތަނުގައި މިފަދަ އެއްވެސް ލަކުނެއް ނުހުންނާނެއވެެ. އެކަމަކު ދެއަތުގެ މުލައްދަނޑީގައި ލަކުނުތައް ލާނެތާއެވެ. ބައެއް ދުވަސްދުވަހު ކަނޑައިގެންދާ ތަންތަނުގެ ފާރު މުޅިން ރަނގަޅު ނުވަނީސް އަނެއް ފަހަރު އެލަކުނުމަތިން ޅިޔައަޅާލެވުނެވެ. މިހެން ތަކުރާރުވި އަދަދެއް ނޭނގެއެވެ. ރަތްބޭހުން އަހަރެންގެ އަތުކުރި އޮންނާނީ އޭރު ފޯވެފައެެވެ. ބޮޑުވިފަހުން ފުރަތަމަ އަހަރެން ބުރުގާ އެޅީ މިލަކުނުތައް ނިވާކުރުމަށެވެ. އެކަމަކު މިއަދު … މިލަކުނުތައް ފެނުމުން ދެރަވާވަރަށްވުރެ އުފާވާވަރު ބޮޑުކަން ގައިމެެވެ.
މިއީ އަހަރެންގެ ގައިގައި މިހިރަ ލަކުނުތަކުގެ ސިއްރެވެ. މިއީ މަންމަހެ އިލޮށިފަތިން އެޅުނު ޅިޔައިގެ ލަކުނުތަކުގެ ވާހަކައެވެ. އަހަރެންގެ ވާހަކައެވެ.

ކޮންމެ ހިނިތުންވުމެއްގެ ފަހަތުގައި ވާހަކައެއް ވެއެވެ….ފޮޓޯ:ފްލިކަރ
އަހަންނަކީ ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅެއްގެ ރަށަކަށް ނިސްބަތްވާ މަންމައަކާއި ބައްޕައެއްގެ ތިން ކުދިންގެ ތެރެއިން ދެވަނަ އަންހެން ދަރިފުޅެވެ. ދޮށްޓަށް އިން ދޮންތައާއި ހަގު ފިރިހެން ކޮއްކޮދެކެ ލޯބިވާ ވަރަށް މަންމައާއި ބައްޕަ އަހަރެންދެކެވެސް ލޯބިވެއެވެ. އެކަމަކު މަންމައަށް އަހަރެން ދެކެ ލޯބިވާ ކަން އިހުސާސްކޮށްދޭކަށް ނޭނގުނެވެ. މަންމައަށް އަހަންނަށް ލޯބިދޭކަށް ނޭނގުނެވެ. ދޮންތަ ހިތުގެ ބައްޔެއް ހުންނާތީ މާބޮޑަށް ސަމާލުކަން ދޭން ޖެހުމުންނެވެ. ކޮއްކޮ ކުޑަ ކުއްޖާއަށް ވުމުންނެވެ. މެދުގައި ހުރި އަހަރެން ވީ ގަދަފަދަ ދަރިއަށެވެ. ކޮންމެ ކަމެއްވެސް ކުރެވޭނެ ކޮންމެ ކަމަކާވެސް ކުރިމަތިލެވޭނެ ހިތްވަރުގަދަ ދަރިއަށެވެ. މަންމައަށް ގޭތެރޭގެ ކަންކަމުގައި އަތްގާތްކޮށްދީ އެހީވެދީ ހަދަން ޖެހޭ ދަރިއަށެވެ. އަދި މިހުރިހާ ކަމަކާއެކު މަންމަ ކަމަކާމެދު ރުޅިއައިސް އެ ރުޅި ބޭލުމަށް ހުންނަ ހުރިހާ ކުށެއް ކުރާ ނުބައި ދަރިއަށްވެސް ވީ އަހަންނެވެ.
އަހަރެން ބޮޑުވީ ވަރަށް ގިނަ އަނިޔާ ލިބި އެހާމެ ގިނަ ހިތާމައާއި ހިތްހަލާކުވުމުގެ ތެރެއިންނެވެ. ފަހަރެއްގައި މިއަދު އަހަރެން މިހިރަ ހިސާބަށް އާދެވުމުގެ ހަގީގީ އަސްލު ސަބަބަކީ އެދުވަހު އެލިބުނު އަނިޔާތަކާއި ކެކުޅުންތައް ކަމަށްވެސް ވެދާނެއެވެ.
އަހަރެމެންގެ ހިސާބުގައި ކުޑަކުދިން ބަސްނޭހީމާ ފާޑުފާޑުގެ އަނިޔާ ކުރުމަކީ އޭރު އެހާ ބޮޑު ކަމެއް ނޫނެވެ. އިލޮށިފަތިން ތެޅުމާއި، ފައިވާން ކިިބައިން ތެޅުމަކީ އާދަކާދައެކޭ ވެސް ހީވާހާ އާންމު ކަންތައްތަކެކެވެ. ކޮންމެވެސް ގެއަކުން، ކޮންމެވެސް ކުއްޖަކު ރޯއަޑެއް ނީވޭ ހިސާބެއް ވަރަށް މަދު ވާނެއެވެ. މަދުގެއެއްގައި މިއާދަ ނޯވެދާނެއެވެ. އެކަމަކު މިއީ އާންމުކޮށް ގިނަ ގޭގޭގެ ހާލަތެވެ. އޭގެ ތެރޭގައި، އަނިޔާ ހައްދު ފަހަނައަޅައި ދާ ގޭގެވެސް ހުރެއެވެ.
އެޒަމާނަކީ ކުއްޖަކު އަށް އަހަރު ނުވަ އަހަރު ވާއިރު ހުންނާނީ އެންމެންގެ ނަޒަރުގައި ބޮޑު މީހެއްގެ ހުކުމް ހިނގާވަރު ވެފައެވެ. ދިހަބާރަ ވާއިރު މަސައްކަތްތައް ކުރެވެން ޖެހޭނެއެވެ. ފަނަރަ ސޯޅަ ވާއިރު މީހަކާ އިންނަން ޖެހޭނެއެވެ. ހާއްސަކޮށް ބޭރު ބޯޓު ދަތުރުކުރަން އުޅޭ މީހުންނާއި އަންހެން ދަރިން ކައިވެނިކުރުވުމަކީ އޮންނަ ސަގާފަތެއް ކަހަލައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ، އެކުދިންނަށް ދެވޭ އުމުރުދުވަހުގެ އަދަބެއް….ފޮޓޯ:އައިސްޓްކް
އަހަރެންގެ ޅަފުރާގެ އެންމެ ދުރު ހަނދާނަކީ އެންމެ އަށް އަހަރު، ނުވަ އަހަރުގެ ހަނދާންތަކެކެވެ. ހަނދާނުގައި ވަރަށް ގިނަ ކަންތައް ހަރުލާފައި ހުރެއެވެ. އެކަަމަކު މާޒީގެ ސޮފްހާތަކުގައި ކަޅުދެލިން ފަވާލެވިފައިވާ ދެ ދުވަހެއްގެ ހަނދާން ހުރެއެވެ. ހައަހަރުގައި ރަށުގެ ކުޅޭ ދަނޑުގައި ކުދިންނާއެކު ކުޅެފައި، މޫދަށް ގޮސް އުޅުމަށްފަހު، ގެއަށް އައި ދުވަހެއްގެ ހަނދާނެވެ.
އެދުވަހު ރޯދައަށް ހަވާދުހަނާ ކުރާތީ މަސައްކަތުގައި އަތްގާތްކޮށް ދޭން އުޅުނީމެވެ. އެހެނެއް ކަމަކު ހަވާލު ކުރި ކަންތައް މުޅިން ނުނިމެނީސް، ބުނިކަންތައް ހަނދާން ނެތުނީއެވެ. ވަލަށް ދަރުހޮވަން ދިޔަ މަގުމަތީގައި ކުޅިވަރާ ޖެހިގެން ކުޅެން މަޑުކުރެވުނު ބާރުމިނުގައި، ގެއަށް ދަރުބޮނޑިއެއް ގެންދަން ލަސްކުރެވުނީއެވެ. އޭރު ހަތަރު، ފަސް ދަރުބޮނޑި އަހަރެންގެ ބޯމަތިން ގެއަށް އުފުލައިފީމެވެ. ކުޅެ ނިންމާފައި އެކުވެރި ކުދިންނާއެކު މޫދަށް ދެވުނީއެވެ. އެންމެ ނުވަ އަހަރެވެ. ހަނދާން ނެތުމަކީ ހަމަ އާދައިގެ އާންމު ކަމެއް ނޫންބާވައެވެ.
ގެއަށްދިޔައިރު ހެދުމުގެ ފަސްބައިން ދެދަރުޖަހާ، ފޫގަޅައިގެން، އިލޮށިފަތި އަތަށް ހެޔޮވަރުކޮށްގެން، މަންމަ ދޮރުމަތީގަ ހުއްޓެވެ. ހަވާލު ކުރާ މަސައްކަތެއް ނުކުރުމުން، ތަށްޓެއް ތަޅައިގެން ދިއުމުން، ގޭތެރޭގައި ހިފާ ގެންގުޅޭ އެއްޗަކަށް ގެއްލުމެއް ވުމުން، ތަންތަނަށް އަރާ، ފުމެ، ސަކަރާތް ޖަހާ ހެދުމުން، ލިބޭނެ އަދަބު އެނގެއެވެ. އެކަމަކު އަދަބު ލިބޭނެކަން އެނގުނަސް، އެވަރު ވެދާނެކަން ފަހުމު ވާ ވަރަށް ވުރެ އަހަރެންގެ އުމުރު ޅަ ކަން އެކަކަށްވެސް ނުވިސްނުނީ ކީއްވެގެންބާވައެވެ.

ތިރީސް، އޮނަސާޅީސް އަހަރުގެ، ހަށިގަނޑުންވެސް ބޮޑު މީހެއްގެ ގައިގައި ރެސްލިން ތަޅާ އުސޫލުން، ނުވަ ވަރަކަށް އަހަރުގެ ކުއްޖެއްގެ ގައިގައި "ހެހެސް" ކިޔާފައި ތެޅުމަކީ ކޮންތާކުން ދިވެހިންނަށް ދަސްވި ކަމެއްބާވައޭ ހިތަށް އަރައެވެ.
ކޮންމެއަކަސް މަންމަގެ އަތުގައި އޮތް އިލޮށިފަތީގެ ބިކުރު ކެނޑުނީ އަހަރެންގެ ހަށިގަނޑަށެވެ. އެއީ އޭގެ ކުރީ ދުވަހު ރޯދައަށް، އާކުރުމަށްޓަކައި، ފަންކަނޑާ، އިލޮށި މަށައިގެން ތައްޔާރުކޮށްފައި ހުރި އިލޮށިފަތި ތަކުގެ ތެރެއިން އެކައްޗެވެ.
އިލޮށިތަކުގެ ތޫނުކަމުން، މަންމަގެ މުލައްދަނޑީގެ ބާރު އެކުވެގެން، އަހަރެންގެ ހަތަރެސްފަޔާއި ބަނޑާއި ބުރަކަށި، ޅިޔަ އަޅާފައި އޮތް މަހަކަށް ހަދާލުމުން އެނިމުނީއެއް ނޫނެވެ.
މިއަދުގެ އަދަބު ހަގުނައަށް ބޮޑުވީއެވެ. ކުރީ ދުވަސްތަކުގައި ހަމައެކަނި ކަންފަތުގައި ހިފާ ދެތިން ބޮނޑިއެއް އަޅާފައި ހުއްޓަސް އިތުރަށް އަދަބުދޭން ޖެހޭ ކަހަލަ ކަންތައް ކަމަށް ވާތީކަން ނޭނގެއެވެ. މިއަދުގެ މަންމަގެ ޝަރީއަތުން ހުކުމް އިއްވިއިރު މުޅި ހަފުތާގެ މައްސަލަތައް އެއްކޮށްލިއެވެ.
ދޮށްޓަށް އިން ތުއްތަގެ ސްކޫލު ފޮތުން ގަނޑެއް ކެނޑިކަމުގެ ތުހުމަތުގައާއި، އޭގެ ކުރީރެއަކު ދެނަމާދު ދޭތެރޭ ގެއެއްގެ އަނބުގަހުން އަނބު ބިންކަމުގެ ޝަކުވާ އަވަށްޓެރިއަކު އުފުލާފައި އޮތުމުން އޭގެ ހަގީގަތް ބެލުމަކާ ނުލައި އެކަމުގެ އަދަބުވެސް ދެވުނެވެ.
މެންދަމުން އަލިވީފަހުން ބައްޕަ ގެއަށް އައިސް ވަޅުން ނަގަންދެން ހުންނަން ޖެހުނީ، ފެންވަރާ ވަޅު ތެރޭގައެވެ. ފެނުން ތެމުމުން، ހިކިފައި ހުރި މޫދު ލޮނުގެ އަސަރު ޖެހުމުން ގައިގަ ހުރި އިލޮށިފަތީގެ ޅިޔަތަކުގައި ލޮނުމިރުސް އެޅިފަދައެވެ. ވޭނާއި، ތަދާއި، ބިރުގެ ތެރޭގައި މެންދަންވަން ދެން ކޮޅަށް ހުރެ ހުރެ ވަރުބަލި ވީމަ، އުނޑަފައިން އިރުކޮޅަކު އިށީނދެލަމެވެ. އިސްކޮޅުން ދިގުވުމަކީ ކަލާނގެ ދެއްވި ނިއުމަތެއްކަމުގެ އިހުސާސް ކުރެވެނީ އެގޮތަށް ވަޅަށް ލާފައި ހުންނަ ފަހަރުތަކުގައެވެ. ފެންގަނޑު މާތިލަ ނޫނަސް އިށީނދެ އިނދެވެއެވެ.

ދަރިންނަށް ރުޅި ބޭލުަން، ކުރަން ހެޔޮވާވަރުގެ ކަމެއްނޫން….ފޮޓޯ:ޝަޓަސްޓޮކް
މިކަހަލަ ހަނދާނުން ނުނެތޭނެ ކިތަންމެ ދުވަހެއް، ކިތަންމެ ރެއެއް އަހަރެންގެ ޅަފުރާގައި ހޭދަވެގެން ގޮސްފައިވެއެވެ. ގައިގަ ހުރި ލަކުނުތައް ކިޔައިދޭ ވާހަކަތަކުން ހިތަށް ކުރުވާ އަސަރު ބޮޑެވެ.
އަހަންނާއި ބައްދަލުވި، އަހަރެން ފަދައިން ކަޅު، އަނދިރި ހަޔާތްތަކުގެ ވެރިންނަކީ ޅައުމުރުގައި މައިންބަފައިންގެ އަނިޔާ ލިބިފައި ތިބި ކުދިންނެވެ. ކޮންމެ ރަށެއްގައިވެސް މިފަދަ އާއިލާތައް ތިބި ޒަމާނެއް ވޭތުވެއްޖެއެވެ. އެކަމަކު މިހާރު މުޖުތަމައުއިން މިފަދަ އަޑުއަޑު އިވޭއިވުން ވަރަށް މަދުވެއްޖެއެވެ. އަދި ސަބަބަކީ މިހާރު މައިންބަފައިންގެ މަގާމުގައި ތިބީ އަހަރެމެންގެ އުމުރުގެ މީހުން ކަމަށްވާތީއެވެ.
ހަމަގައިމުވެސް އަހަރެން، އަހަރެންގެ ބާރު ހިނގާ އެއްވެސް ކުޑަކުއްޖަކަށް ކުޑަވެސް އަނިޔާއެއް ނުކުރާނަމެވެ. ބަދުބަސްތައް ބުނުންފަދަ އެއްވެސް ނޭއްގާނީ އަމަލެއް ނުކުރާނަމެވެ. އަދި އަހަންނަށް އެނގޭ ފަރާތަކުންވެސް، ކުޑަކުއްޖަކަށް އަނިޔާ ވާނެ ފުރުސަތެއް ނުދޭނަމެވެ. މިއަދުގެ މުޖުތަމައުގައި ކުޑަކުދިންނަށް އަނިޔާ ކުރުން މަދުވެފައި، ކުޑަކުދިންނަށް އެކުދިންގެ އުމުރާއި ގުޅޭނެހެން އަޅާލާ، ކަންތައް ކުރެވޭ އެންމެ ބޮޑު ސަބަބަކީ އެފަދަ ކަންތައްތަކަށް ހޭލުންތެރިކަން އޮތުމާއެކު، މިއަދުގެ މައިންބަފައިންގެ މަގާމުތަކުގައި ތިބީ އެފަދަ ކަންތައްތައް އަމަލީގޮތުން ތަޖުރިބާ ކޮށްފައި ތިބި މީހުންކަމަށް ވުމެވެ.

ކުއްޖާގެ ހިތުގައި ނުޖައްސާށެެވެ. އުމުރަށް އެއަސަރު ފިލާނުގޮސް ހުރެއެވެ….ފޮޓޯ:އައިސްޓޮކް
އަހަންނަށް ވުރެ ފަހުން މަންމައާއި ބައްޕައަށް ލިބުނު ހަގު ދަރިފުޅަކަށް އަދި މަށަށްވުރެ ދޮށްޓަށް އިން ދޮންތައަކަށް އަހަރެން ބޮޑުވަމުން އައިއިރު ލިބެމުން ދިޔަ އަނިޔާތައް ނުލިބެއެވެ. ސަބަބު ވިސްނާލުމުން އެނގެއެވެ. ދޮންތަ އަކީ ބަސްމަދު ހިމޭނުން އިންނަ، ގެއިން ބޭރަށް ނުނިކުންނަ، ކުރިންވެސް ބުނިހެން ހިތުގެ މަައްސަލަ ހުންނަ ބަލި ކުއްޖެކެވެ. އަހަންނަަކީ މަންމަމެން ދޮންތައަށްފަހު ފިރިހެންދަރިފުޅަކަށް ބަލަބަލައި ތިއްބާ ލިބުނު އަންހެންދަރިފުޅަކަށް ވުމުގެެ އިތުރަށް ބޮޑުވަމުން ދިޔަވަރަކަށް އަންހެންކުއްޖަކަށްވުރެ ބޮޑަށް މަގޭ ގައިގައި ހުރީ ފިރިހެންކުއްޖެއްގެ މިޒާޖާއި ހަލަނިކަން ކަމަށްވުމަކީ ބޮޑު ސަބަބެކެވެ. އެކަމަކު އަހަރެން ފިރިހެން ކުއްޖެއްހެން ކަންކަން ކުރަން ޖެހުނީ މަަންމައަށްޓަކައި ކަން މަންމައަށް ނުވިސްނުނީތީ ދެރަވެއެވެ. ގޭގައި ކަންކަމުގައި އަތްގާތްކޮށްލަދީ އެހީވެ ހަދާނެ އަތުކުރީގައި ބާރުހުރި ފިރިހެން ކުއްޖެއް ނެތެވެ. އަހަރުތަކެއް ފަހުން މަންމަމެންގެ އުއްމީދުތައް ރޯޝަން ކޮށްގެން ގެއަށް އައި ފިރިހެންކޮއްކޮއަކީވެސް ގޭތެރޭގައި އިންނަ ބަަސްއަހާ ކިޔަވާ ކުއްޖެކެވެ.
އަހަރެން ގޮތަށް ގަހެއް ވެއްޓުނީމަ އެގަހުގެ ގޮފިތައް ކަނޑައި، ވާރޭވެހެން އުޅެންޏާ ފުރާޅަށް އަރައި ފުރާޅާ ދިޔަދޮވި ސާފުކޮށް، ތާނގީއަށް ފައިބާ ތާނގީ ދޮވެ ސާފުކޮށް، މަހުން ލެފީމަ މަސް ގަނެގެން އައިސް މަސްކަނޑައި، ރުކުން ކުރުނބާ އަޅައިދީ، ވަޅަށް ފައިބާ ވަޅު ސާފުކޮށް ވަޅު ހިއްކައި ހަދާކަށް ކޮއްކޮއަކަށް ނޭނގެއެވެ. އެހެންނޫނަސް ކޮއްކޮގެ ފިިލާވަޅުތައް މުހިންމެވެ. އަހަންނަކީ ފޮތުގައި އަތްނުލިޔަސް ކިޔެވެން ޖެހޭނެ ދަރިއެކެވެ. އަމުދުން ގްރޭޑް ހަތަކުން ނިމުނު ގޮތަށް އަހަރެން ފެކްޓަރީ ވަޒީފާއަށް ދިޔައީ އޭރު ރަށުގައި ހުރި ހަމައެކަނި ސެކަންޑްރީ ސުކޫލުން ޖާގަ ހޯދަން ފަސޭހަ ނުވާއިރު އެކަން ކޮށްދޭން މަންމައަށް ވަގުތު ނުވުމުންނެވެ. ތާއަބަދު ކަނޑުމަތީގައި މަސްވެރިކަމުގައި އުޅޭ ބައްޕައަށް އަމުދުން އޮންނާނީ ކޮން ވަގުތެއް ހެއްޔެވެ.

މިއީ ގިނަ ކުދިންތަކެއްގެ މުސްތަގުބަލު ލިޔެފައިވާ ދެލިނެތް ތުނޑު ތޫނު ގަލަމެއް…ފޮޓޯ:އެފްބީ
ކޮންމެ ގޮތަކަށް ކަންތައްވެ ނިމިގެން ދިޔަޔަސްް މިއަދު އަހަރެން މިއުޅެނީ އުފަލުގައެވެ. ބައްޕަ ނިޔާވިފަހުން މަންމަގެ ހުރިހާ ކަމެއް ބަލަހައްޓައި މަންމަ ގެންގުޅެމުން މިއަންނަނީ އަހަންނެވެ. ބައްޕަ ނިޔާވުމުގެ ކުރިންވެސް މަންމައާއި ބައްޕަގެ ޒިންމާއާ ހަވާލު ވެއްޖައިމެވެ. ދޮންތަގެ އޮޕަރޭޝަނަށްފަހު އޭނާ ރަނގަޅު ދިރިއުޅުމެއްގައި އުޅޭތާ ކިތަންމެ އަހަރެކެވެ. އެކަމަކު އޭނާއަށް އެތަކެއް ހޭދައެއް ކޮށް ގުރުބާންވި މައިންބަފައިންނަށްޓަކައި އޭނާގެ ފިރިމީހާގެ ގޭގައި ޖާގައެއް ނެތެވެ، އެހެނެއްކަމަކު ދަރިން ލިބުމުން އެކުދިން ބަލައިބޮޑުކުރުމަށް ނޯކަރެއް ބޭނުންވި ވަގުތު މަންމަގެ ބޭނުން ހިފުނެވެ. ފިރިހެން ކޮއްކޮގެ ކައިވެންޏަށްފަހު އޭނާގެ އަނބިމީހާ ބޭނުންވީ ވަކިން އުޅޭށެވެ. އޭނައަށްވެސް މަންމަގެ ބޭނުން ޖެހުނީ ދަރިންލިބުމުންނެވެ.
އެކަމަކު އަހަރެން… އަހަރެންގެ އަތުގައި މޮޅު ފާހެއް ނެތަަސް އެނގިހުރި އިލްމަކާއި ލިބިހުރި ހިލްމަކުން އަހަރެން ފަހާތަނެއް ހިންގަން ފެށީ ބޮޑު އޮފީހެއްގެ ސޫޓުބޫޓު ލީ ވަޒީފާއެއް ނުލިބޭނެކަން އެނގޭތީއެވެ. އެކަމަކު ފަނަރައަހަރަށްފަހު އަހަަރެން މިއިނީ އޮފީހެއްގެ މޭޒެއްގެ ދޮށުގައި ސޫޓެއްގައެވެ. އަހަންނަކީ "ޝަރީސް" ގެ ވެރިފަރާތެވެ، އަމިއްލަ ހަތަރު ފަހާާތަނެއް މާލޭގެ ހަތަރު އަވަށުގައި ހުރި އިރު އެހުރިހާ ފަހާތަަނެެއްގެ އޮފީސް ހުންނަނީ އަހަރެންގެ ގޭގެ ތިރީބައިގައެވެ. ތިރީބައިގައި ހުރި ބޮޑު ޝަރީސްބުޓީކް އަކީ އަހަރެންގެ ހުވަފެންތަކުގެ ކުލަޖެހިފައިވާ ހަގީގަތެވެ.

މަންމަގެ އުނގަކީ ބޯއަޅާލެވޭ މަންމަގެ ކޮނޑަކީ ރައްކާތއެރިކަމުގެ ހިޔަލެކެވެ…..ފޮޓޯ:ފްލިކަރ
އަހަރެންގެ ވިޔަފާރިއަށް ނަން ދީފައިވަނީ މިދުނިޔެމަތިން އަހަރެން އެންމެ ލޯބިވާ އިންސާނާގެ ނަމުންނެވެ. އެކަމާ އަހަރެންގެ ދެކުދިންގެ ބައްޕަ ނުހަނު ފަހުރުވެރި ވެއެވެ. އަދި އެނަމުގެ ވެރިފަރާތަށް އަހަރެންގެ ހަޔާތުގެ އެންމެ މުހިންމު އެންމެ އިސް މީހަކީ އެމީހާކަމާއި އަހަރެންގެ ބުޓީކްގެ ނަންވެސް ދީފައިވަނީ އެމީހާގެ ނަމުން ކަން އެމީހާއަށް އެނގުނު ދުވަހަކީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަހެވެ.
އާއެކެވެ. އަހަރެންގެ ހުރިހާ ވިޔަފާރިއެއްގެ ނަން ގުޅިފައި ވަނީ މަގޭ ލޮބުވެތި މަންމައާއެވެ. އަހަރެންގެ މަންމަގެ ނަމަކީ ޝަރީފާ އެވެ.
"މަންމަގެ ދޫންޏާ، މަންމައަށް މާފުކުރޭ، ދަރިފުޅު ދުރުކޮށް އަނިޔާކޮށް ހެދީ ގަސްތަކު ނޫނޭ ބުނުމަކީ ހުތުރުކަމެއް، އެއީ މިމަންމަގެ ނުކުޅެދޭކަން، މަންމަގެ ރުޅިއާއި އެކަނިވެރިކަމުގައި ދަރިންބަލައިބޮޑު ކުރަމުން ދިޔައިރު، ހުރިހާ ރުޅިއަކާއި ހާސްކަމެއް ހުރިހާ ދެރައެއް ބޭލުނީ ދަރިފުޅަށް، އަމިއްލަ ރުޅިއަށް ބާރެއް ނުފޯރުވޭ، އެހެން ކުއްޖަކާ ދިމާއަށް ބާރަށް އެއްޗެއް ބުންޏަސް އެރެއަކު އަހަންނަށް އޭގެ އަދަބު ލިބޭނެ، އެކަމަކު ދަރިފުޅު ބައްޕަ ގާތު ޝަކުވާއެއް ނުކުރޭ. އެހެންވެ ހުރިހާ ކަމެއްގައި އަމާޒަކަށް ވީ ދަރިފުޅު، މިމަންމައަށް މާފުކުރޭ،"
"މަންމަ ދަރިފުޅުދެކެ ވަރަށް ލޯބިވޭ. އެކަަމަކު މީގެ ކުރިން ދުވަހަކުވެސް ބުނާނެ ބާރެއް ނުލިބޭ،"
އަހަރެން މަންމަގެ ކުދިރޫޖެހެމުންދާ މޫނުގައި ފިރުމާލާ މަންމަގެ މޫނުގައި ބޮސްދިނީމެވެ. މަންމައަކަށް ނޭނގޭނެއެވެ. އަހަރެންގެ ގައިގައި އަދިވެސް ނުފިލާހުރި ބައެއް ނިޝާންތައް އެބަަހުއްޓެވެ. އެކަމަކު އެ ނިޝާންތަކަކީ އަހަރެންގެ ކާމިޔާބީގެ ހަގީގީ އަސްލު ސަބަަބުކަން އެނގޭނީ އަހަންނަށްތާއެވެ. އާއެކެވެ. އެދުވަހު މަންމަަ އެ އަނިޔާތައް ނުކުރިނަމަ، އަދަަބު ނުދިންނަމަ އަހަރެން މިހާ ކާމިޔާބު މީހަކަށް ވުމަށް ގަދައަޅައި މަސައްކަތެއް ނުކުރީސްކަން ނޭނގެއެވެ. މަންމަގެ ލޯބި ލިބިގަތުމަށް މަންމަގެ އުނގުގައި ބާއްވާތޯ މިހުރިހާ ގުރުބާނީއެއް ނުވީސްކަން ޔަގީނެވެ.
މިއަދު އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެކަމަކު ޔަގީނުންވެސް އެއްވާހަކަ ބުނަން ބޭނުމެވެ.
"ދަރިން ތަަރުބިއްޔަތު ކުރުމަކީ ހިތަށްސިފަ ކުރެވޭވަރަށް ވުރެ ބުރަ މަސްއޫލިއްޔަތެއްކަން ޔަގީނެވެ. އެކަމަކު ދަރިން ތަރުބިއްޔަތު ކުރުމުގައި ތިމާގެ އަމިއްލަ ނަފުސު ކޮންޓްރޯލުން ދޫނުކުރާށެވެ. އަނިޔާ ލިބިގެން ބޮޑުވާ ކޮންމެ ކުއްޖަކު އަހަރެން ހެނެއް ނުވާނެއެވެ. ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އެކުދިން ބަލިކަށި ނުކުރާށެވެ. ކުށުގެ ވެށިން ދިމާވާ ޒުވާނުންގެ ތެރެއިން 70 އިން ސައްތައަކީ މައިންބަަފައިން، ބެލެނިވެރިންގެ އަނިޔާގައި ބޮޑުވެ އެމަގު އިހުތިޔާރުކުރި ކުދިންނެވެ. 10 އިން ސައްތައަކީ ޖިންސީގޯނާގެ ޝިކާރައިން އުފެދިފައި ތިބި ކުދިންނެވެ.
ދަރިންނަށް އަނިޔާ ކުރުމަކީ އެކުދިންގެ ރޫހާނީ ހަމަޖެހުމާއި އިތުބާރާއި ޔަގީންކަން ކަތިލައިލުމެވެ! އެ އިހުމާލު ވުމުން ރައްކާތެރި ވާށެވެ، ހަގީގަތަކީ އަހަރެންވެސް ކިތަންމެ ވަރުގަދަވެފައި ހިތްގަދަ ކަމަށްވިޔަސް އަހަރެންގެ ޅަފުރާގެ ހިތި އަސަރު އަހަންނަށް ކުރެއެވެ. އެއްވެސް ދިމާއަކުން ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވިއްޖެނަމަ އަހަރެންގެ މުޅި ރޫހު ތެޅިފޮޅެއެވެ. ބިރުން ފަހަތަށް ޖެހި ހުއްޓުން އަރައެވެ، އެހެންކަމުން ބުނަމެވެ. ކުޑަކުދިންނަކީ ފިޔަރީތި މަލެއްފަދަ ބައެކެވެ. އެމަލުގެ ފިޔަތައް ޗަސްކޮށް ހަލާކުނުކުރާށެވެ. ބަގީޗާގެ ޒީނަތަކީ އެމާތައްކަން އެނގޭނޫންތޯއެވެ!

