15،072 ރުފިޔާގެ މުސާރައަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ޕްރިޒަން އޮފިސަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
މި މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ނުވަތަ ގްރޭޑް 10 ނިންމާފައިވުމެވެ. އަދި ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުމާއި ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުމެވެ.
މި މަޤާމުގެ އަސާސީ މުސާރައަކީ މަހަކު 6،050 ރުފިޔާއެވެ. މީގެ އިތުރުން ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު 3،500 ރުފިޔާ އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 2،500 ރުފިޔާ ލިބޭނެއެވެ.
ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މާރޗް މަހުގެ 19 ވަނަ ދުވަހާ ހަމައަށެވެ. މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު 3026114 ނަންބަރަށް ގުޅައިގެން ނުވަތަ 9112451 ނަންބަރަށް ވައިބަރ ކޮށްގެން ހޯދިދާނެއެވެ.
ކަރެކްޝަންސްއިން ބުނެފައިވާ ގޮތުގައި މަޤާމުތަކަށް މީހުން ހޮވުމުގައި ހަށިހެޔޮކަން ދެނެގަތުމަށް ފިޒިކަލް ފިޓްނަސް އަދި ފެތުމުގެ ޓެސްޓުން ފާސްވާ ފަރާތްތަކަށާއި، މެޑިކަލް އެގްޒަމިނޭޝަން، އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާ ފަރާތްތަކަށް އިސްކަންދޭނެއެވެ.
ގެޒެޓް ލިންކް: https://www.gazette.gov.mv/iulaan/329780

