ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ދުވަހަކު ކުރާ ހުރިހާ މަސައްކަތެއްގެ ތަފްސީލް، އެ ދުވަހެއްގެ ޖަލްސާގައި އިއުލާންކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފިއެވެ.
މި ނިންމެވުމަކީ މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ހާޒިރުނުވެ މުސާރަ ނަންގަވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އިއްޔެގެ ޖަލްސާގައި ނިންމެވި ނިންމެވުމެކެވެ.
މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި، މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައްޔިތުންނަށް ހާމަވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި އެކަން ހާމަކުރުމަކީ މަޖިލީހުގެ ރިޔާސަތުގެ ޒިންމާއެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މި ހިނގާގޮތަކީ މިސާލަކަށް މިއަދު އަޅުގަނޑުމެން މަޖިލީހުގެ ތަޅުމުގައި މި ހޭދަކުރީ 1 ގަޑިއިރާ 12ވަރަކަށް މިނެޓް. ބިލުގެ ބަހުސްގެ. މިތަނުން ބިލު ބަލައިގަތުމަށް ނިންމުމާއެކު މިދަނީ ކޮމިޓީއަށް. ކޮމިޓީ މަރުހަލާ ފެށިގެން މިދަނީ، އެ ބިލަކާ ގުޅޭގޮތުން ދިރާސާކުރަންޖެހޭ ވަރަކަށް ދިރާސާކޮށް، އެއާގުޅޭގޮތުން މައުލޫމާތު ހޯދަންޖެހޭ ފަރާތްތައް ހާޒިރުކޮށް، އެ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް، އަދިވެސް ސަރުކާރުގެ މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދާ، ވަރަށް ބުރަ މަސައްކަތްތަކެއް ކޮމިޓީތަކުގައި ކުރުމަށްފަހު ބިލު ކޮމިޓީ މަރުހަލާ ނިމިގެން މަޖިލީހުގެ ތަޅުމަށް މި އަންނަނީ. އެހެންވީމަ އެ ހޭދަވާ ވަގުތުވެސް މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރަމުންގެންދާ ވާހަކަ ދެންނެވުން އަޅުގަނޑުގެ މައިގަނޑު ބޭނުމަކީ،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މިހާތަނަށް ޖަލްސާތަކުގައި އިއުލާންކުރަމުން އައީ އެދުވަހެއްގެ ޖަލްސާގެ އެޖެންޑާ އެކަންޏެވެ. ނަމަވެސް މީގެ ފަހުން އެދުވަހަކު ހިނގާ ކޮމިޓީތަކުގެ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތަކުގެ މައުލޫމާތުވެސް ޖަލްސާގައި ހާމަކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާތައް ވަގުތުން ދައްކާއިރު ތަޅުމުން މަދު މެންބަރުންތަކެއް ފެނުމުން، ޖަލްސާއަށް ވަޑައިނުގެން މެންބަރުން މުސާރަ ނަންގަވާކަމަށް ހީވެދާނެ ކަމަށް ފާހަގަކުރައްވައި، ޖަލްސާ ކުރިއަށްދާ ވަގުތުވެސް ކޮމިޓީ މަސައްކަތްތަކުގައި މެންބަރުން ހަރަކާތްތެރިވެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

