ގަވާއިދާ ޚިލާފަށް އުޅުނު 2 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިއީ އިމިގްރޭޝަން ވޮޗްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު ބިދޭސީންނެވެ. އެގޮތުން، އިއްޔެ މެންދުރުފަހު އިމިގްރޭޝަން ވޮޗްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މާލޭގައި ހިންގަމުން އައި ގަރާޖެއް ބަލައި ފާސްކުރުމަށްފަހު، އެތަނުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާ އިން ބުނެފައިވެއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، ގަވާއިދާ ހިލާފަށް މަސައްކަތްކޮށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތައް ރަމަޟާން މަހުގައިވެސް ހުއްޓުމެއްނެތި ކުރިއަށްދާނެއެވެ. “ރެއިޑް އޮޕަރޭޝަންތައް ކުރިއަށްދާނީ ކުރިއެކޭ އެއްގޮތަށް. ރަމަޟާން މަހުގައިވެސް އަޅުގަނޑުމެންގެ މަސައްކަތްތައް ހުއްޓުމެއް ނާންނާނެ،” އިމިގްރޭޝަނުގެ އިސް އޮފިޝަލެއް ވިދާޅުވިއެވެ.
މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ ބިދޭސީން ވަނީ ހައްޔަރުކުރެވިފައެވެ. މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

