ބަރލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއަރގެ ތެރެއިން ސްވިޓްޒަލޭންޑްގެ އެޑްލްވެއިސް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އާއި އެޑްލްވެއިސް އެއަރލައިންގެ އިސްވެރިންނާ ދެމެދުގައެވެ.
މި ބައްދަލުވުމުގައި ޚާއްސަ އަހައްމިއްޔަތުކަމެއް ދީފައިވަނީ ލޯ ސީޒަންގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، އެއަރލައިންގެ ދަތުރުތައް އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭ މަޝްވަރާތަކަށެވެ. އެޑްލްވެއިސް އެއަރލައިނުން މިހާރުވެސް ދަނީ ކޮންމެ ހަފްތާއަކު ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ.
މިއަހަރުގެ އައިޓީބީ ފެއަރ ފެށިފައިވަނީ މާރިޗު 4 ވަނަ ދުވަހުއެވެ. މި ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 89 ކުންފުންޏެއް ތަމްސީލްކުރާ 200 މަންދޫބުންގެ ވަފުދެއް ބައިވެރިވެފައިވެއެވެ. މި ފެއަރ ކުރިއަށްދާނީ މާރިޗު 6 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 451,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖަރުމަނުވިލާތާއި ސްވިޓްޒަލޭންޑް ހިމެނެނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައެވެ. އޭގެ ތެރެއިން ހަމައެކަނި ޖަރުމަނުވިލާތުން 28,000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
އެމްއެމްޕީއާރުސީން ބުނާގޮތުގައި މި ފެއަރގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަދައްކާ މާކެޓުތަކާއި އެހެނިހެން ގައުމުތަކުގެ މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާއި މީޑިއާތަކާއެކު ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

