މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރު މިއަދު އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފަރުހަތު އެ މަޤާމަށް އައްޔަންކޮށްފައިވަނީ މިއަދު ކަމަށެވެ.
ފަރުހަތު މިފްކޯގެ ސީއީއޯގެ މަޤާމަށް ހަމަޖައްސާފައިވަނީ، އެ މަޤާމުގައި އެންމެ ފަހުން ހުންނެވި ޔުކްރެއިންގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ މި މަހުގެ ތިންވަނަ ދުވަހު ކުއްލި ގޮތަކަށް މަޤާމުން ވަކިކުރުމަށްފަހުގައެވެ.
މިފްކޯގެ އާ ސީއީއޯ ފަރުހަތު ޝަހީރަކީ ތަޖުރިބާކާރު އިދާރީ ވެރިއެކެވެ. އޭނާ މީގެކުރިން ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ސީއީއޯގެ މަޤާމުވެސް އަދާކުރައްވާފައެވެ.

