ރޯދަ ހަދިޔާގެ ގޮތުގައި މިއަހަރު ދޫކުރާ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ އަމާޒުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވެފައިވަނީ، މިހާތަނަށް ރޯދަ ހަދިޔާ ނުފޮނުވި އޮތް ހުވަދު އަތޮޅު އުތުރުބުރިއާއި އެ އަތޮޅު ދެކުނުބުރީގެ ރަށްތަކަށް މާދަމާ ރޯދަ ހަދިޔާ ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މިއާއެކު ރާއްޖޭގެ ހުރިހާ ހިސާބަކަށް ރޯދަ ހަދިޔާ ފޮނުވައި ނިމޭނެ ކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދަނީ ރޭގަނޑު 9:30 އިން 11:30 އަށް، މާލޭގެ ފަސް ސަރަހައްދެއްގައެވެ. ރޯދަ ހަދިޔާ ބަހަމުންދަނީ ޓޯކަން ނިޒާމެއްގެ ތެރެއިން، ހަދިޔާ ބަލައިގަތުމަށް ހާޒިރުވާންޖެހޭ ތަނާއި ގަޑި ކޮންމެ ފަރާތަކަށް ދުރާލާ އެނގޭނެ ގޮތަށެވެ. މިއަހަރުގެ ރޯދަ ހަދިޔާ ބަހަމުންދަނީ ކޮންމެ ގޭބިސީއަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ފެށިގެން އައި މި އާދަކާދައިގެ ދަށުން، މިއަހަރު ރޯދަ ހަދިޔާގެ ގޮތުގައި ބަހަމުންދަނީ މަސްދަޅު ކޭހެކެވެ. މިދިޔަ އަހަރު ބަހާފައިވަނީ ކާޑުގެ ބާވަތްތަކެވެ.
މީގެއިތުރުން، މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހުވެސް ގޭބިސީތަކުގެ ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

