މޫސުން ރަނގަޅުވުމާއެކު، މާލެ ސަރަޙައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެ، ރެކޯޑް އަދަދަކަށް މަތިވެއްޖެކަމަށް ސްޓެލްކޯއިން މިއަދު ހާމަކޮށްފިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރަށް މަތިވާނެކަމަށްވެސް އެ ކުންފުނިން ލަފާކުރެއެވެ.
ސްޓެލްކޯއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ރަމަޟާން މަހުގެ 4 ވަނަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ވަނީ 92.3 މެގަވޮޓަށް އަރާފައެވެ. މިއީ އެންމެ މަތީ މިންވަރެއްގެ ގޮތުގައި ރެކޯޑުކުރެވުނު އަދަދެވެ. "އެންމެ ޕީކް ވަގުތުގެ ގޮތުގައި ރެކޯޑްކުރެވިފައިވަނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށް،" ސްޓެލްކޯއިން ބުންޏެވެ.
މެންދުރާއި ރޭގަނޑުގެ ވަގުތުތަކުގައި އެވްރެޖްކޮށް ކަރަންޓު ބޭނުންކުރެވެމުންދަނީ 80 މެގަވޮޓުން މަތީގައެވެ. ހޫނުގަދަވުމާއި ރަމަޟާން މަހާ ގުޅިގެން ކަރަންޓު ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
ރައްޔިތުންނަށް ލުއިފަސޭހަކަން
ރަމަޟާން މަހު ކަރަންޓު ބިލަށް އަންނަ ބަދަލު ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށްޓަކައި، މުޅި ރަމަޟާން މަހުގެ 30 ދުވަހަށް ބިލް އަންނަގޮތަށް ރީޑިންގ ނެގުމުގެ ތާރީޚްތައް ވަނީ ހަމަޖައްސާފައެވެ. އަދި ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަމެއްގެ ގޮތުން، މި ރަމަޟާން މަހުވެސް ކަރަންޓާއި ފެން ބިލުން 10 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
ސްޓެލްކޯއިން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރަށް މަތިވާނެކަމަށް ލަފާކުރެވޭތީ، ކަރަންޓު އިޤްތިޞާދުކޮށް، އިސްރާފު ވީހާވެސް ކުޑަކުރުމަށް ސަމާލުކަން ދިނުމަށެވެ.

