ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާއެކު އިންސްޕެކްޝަންތަކުން ފާހަގަވާ މައްސަލަތައް މަދުވާން ފަށާފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
މިދިޔަ އަހަރުގެ މެއި މަހު އަމަލުކުރަން ފެށި މި ޤާނޫނަކީ ރާއްޖޭގައި ލިބެންހުންނަ ކާބޯތަކެއްޗަކީ ޞިއްހަތަށް ފައިދާހުރި ތަކެތިކަން ކަށަވަރުކުރުމަށާއި، ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް އެކުލަވާލެވުނު ޤާނޫނެކެވެ.
އެމްއެފްޑީއޭގެ ފުޑް ކޮލިޓީ އެޝުއަރެންސް ކޯޑިނޭޓަރ އާމިނަތު ޝަބާނާ ޢަލީ ވިދާޅުވި ގޮތުގައި، މާލެއާއި އަތޮޅުތެރޭގައި އިންސްޕެކްޝަންތައް އިތުރުކޮށްފައިވާއިރު، މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކަން ހުރުމާއި، ރައްކާތެރިކަމާއެކު ކާބޯތަކެތި ބެހެއްޓުމަށް ބޭނުންވާ ފިނިހޫނުމިނުގައި ތަކެތި ނުބެހެއްޓުން ފަދަ މައްސަލަތައް ފާހަގަކުރެވެއެވެ.
“ޢާންމުންގެ ފަރާތުން ޝަކުވާއެއް ލިބުނީމަ އަޅުގަނޑުމެން ދަން އެ ފިހާރައަކަށް. ދާއިރު ކަމެއް ފާހަގަވީމަ އެ ގޮތަށް ކާބޯތަކެތި ނުވިއްކުމަށާއި ޝެލްފުން ނެގުމަށް އަންގަން. އެ ވަގުތު ނަގާނެ. އަނެއްކާ އިރުކޮޅެއް ފަހުން އަންނަ އިރު އަނެއްކާވެސް ހުންނާނެ ހަމަ އެ ތަކެތި ޝެލްފަށް ނަގާފައި،” ޝަބާނާ ވިދާޅުވިއެވެ.
އައު ޤާނޫނުގެ ދަށުން ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިދީފައިވާއިރު، މިހާރު ގިނަ ވިޔަފާރިތަކުން ވަނީ ރައްކާތެރިކަމާއެކު ކާބޯތަކެތި ބަހައްޓަންޖެހޭ މިންގަނޑުތަކަށް ޢަމަލުކުރަން ފަށާފައެވެ.

