އެންމެ ފަހުން ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީ.އާރު.ސީ) ގައި 5 މަސްދުވަސްފަހުން އަނެއްކާވެސް އެބޯލާ ޖެހިފައިވާ ކުއްޖަކު ފެނިފައިވާކަން ހާމަކޮށްފިއެވެ.
2018 އިން 2020ގެ ނިޔަލަށް ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އާންމުވެގެންދިޔަ އެބޯލާ ވައިރަސް އެގައުމުގައި ފެތުރިގެންދިޔަ އެޕިސެންޓަރ ކަމުގައިވާ އެގައުމުގެ އިރުން އޮންނަ ބެނި ސިޓީގައި 3 އަހަރުގެ ކުޑަ ކުއްޖަކު ވަނީ އެބޯލާއަށް ޕޮޒިޓިވް ވެފައެވެ. އަދި ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ހެލްތު މިނިސްޓަރ ޖީން ޖެކްސް މުންގަނީ ހުކުރު ދުވަހު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނި، މިކުއްޖާ އެބޯލާ ވައިރަހަށް ޕޮޒިޓިވްވެ، ފާއިތުވެދިޔަ ހަފްތާގެ ބުދަ ދުވަހު މަރުވެފައިވާ ކަމުގައެވެ.
އެހެންނަމަވެސް، އަލަށް މިސަރަހައްދުން މިފެނުނު އެބޮލާ ކޭސްއަކީ، 2018 އިން 2020ގެ ނިޔަލަށް 2،200 މީހުން މިބަލީގައި މަރުވެދިޔަ، އެގައުމުގެ އިރުން އޮންނަ ބެނި ސިޓީއަށް ކުރިމަތިވެދިޔަ އެބޯލާ ކާއިރިސާއާއި ގުޅުން އޮތް ކޭސްއެއްކަން އަދި މުޅިން ޔަގީން ކުރެވިފައެއް ނުވެއެވެ.
މީގެ އިތުރުން، ހެލްތު މިނިސްޓަރު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އަލަށް ފެނުނު މިކޭސްއާއި ގުޅުންހުރި 100 މީހުން މިހާރު ހޯދިފައިވާ ކަމަށާއި، މިބައްޔާއި ގުޅުންހުރި އެއްވެސް އަލާމާތެއް އެމީހުންގެ ކިބައިން ފެނޭތޯ ބެލުމަށް މިހާރު މޮނިޓަރ ކުރެވެމުންދާ ކަމުގައެވެ.
ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ބައޯ މެޑިކަލް ލެބޯޓްރީގެ އިންޓާނަލް ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ބެނި ސިޓީގެ ކައިރިން އޮންނަ މީހުން ފުރިބާރުވެފައިވާ އަވަށެއްގައި، އެބޯލާއަށް ޕޮޒިޓިވްގެން މަރުވި ކުޑަކުއްޖާގެ 3 އަވަށްޓެރިއެއްގެ ކިބައިންވެސް އެބޯލާގެ އަލާމާތްތައް ފެނުމަށްފަހު ވަނީ މަރުވެފައެވެ. އެހެންނަމަވެސް މިމީހުން އެބޯލާއަށް ޓެސްޓު ކޮށްފައެއް ނުވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO)އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ހެލްތު އޮތޯރިޓީތަކާއި ގުޅިގެން މި ކޭސް ތަހުގީގު ކުރުމަށް އެ ޖަމިއްޔާއިން މިހާރުދަނީ މަސައްކަތް ކުރަމުންކަމަށެވެ.
އެބޯލާ ކޯރުގެ ކައިރީގައި އޮންނަ އިކުއެޓޯރިއަލް ޖަންގަލިން 1976 ވަނައަހަރު އެބޯލާ ވައިރަސް ފެނުނުފަހުން، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ވަނީ އެބޯލާ ވައިރަސްގެ 12 ކާރިއަކާއި ކުރިމަތި ލާފައެވެ.

