އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން މި ރަމަޟާން މަހާ ދިމާކޮށް، ވުޒާރާގެ މީސްމީޑިއާ ވަސީލަތްތައް މެދުވެރިކޮށް ތަފާތު ގިނަ ޕްރޮގްރާމްތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެކެވެ.
ރަމަޟާން މަހުގެ ފުރަތަމަ ފަސް ދުވަހު މި ޕްރޮގްރާމްތަކުގެ ބައެއް އެޕިސޯޑުތައް ވަނީ އާންމުންނާ ހަމައަށް ގެނެސްދީފައެވެ. އަދި މި ޕްރޮގްރާމްތަކަށް އާންމުންގެ ފަރާތުން ފާހަގަކުރެވޭ ވަރުގެ ޝައުޤުވެރިކަމެއް ލިބެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
އިސްލާމިކް ސްޓޫޑިއޯއިން މި ރަމަޟާން މަހު ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރޭގައި ނިސްވާ، ރައްޔާން، އިޤްރާ ކުލަބު، ހުވަﷲ، ނަބިއްޔާގެ މީރާސް، ތަސައްލީ، ޢިބްރަތްތެރި ވާހަކަ، ޙިކުމަތުގެ އަޑު އަދި މަޝްހޫރު ދާޢީ އިސްމާޢިލް ބުއްލޮކްގެ ޚާއްޞަ ޕްރޮގްރާމް "އިސްލާމިކް އިންސައިޓް" ހިމެނެއެވެ. މި ޕްރޮގްރާމްތަކަކީ ތަފާތު އުމުރުފުރާތަކަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ، ޝައުޤުވެރި ދީނީ މަޢުލޫމާތު ހިމެނޭ ޕްރޮގްރާމްތަކެކެވެ.
އިސްލާމިކް ސްޓޫޑިއޯގެ މެނޭޖަރ ސުޖާއު ޙަމީދު ވިދާޅުވި ގޮތުގައި، "އަޅުގަނޑުމެންގެ އަމާޒަކީ މި ރަމަޟާން މަހު ބެލުންތެރިން ގަޔާވާނެ ކޮންޓެންޓުތަކެއް އުފެއްދުން. އަޅުގަނޑުމެންގެ ހުރިހާ ޕްރޮގްރާމްތަކެއްވެސް އުފައްދާފައިވާނީ އާންމުންނަށް ދީނީ އިޖުތިމާޢީ އެކި މުހިންމު މަޢުލޫމާތުތަކާއި މެސެޖުތައް ލިބޭނެ ގޮތަށް" އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ، މި ޕްރޮގްރާމްތައް ހުރިހާ ޓީވީތަކާއި މީޑިއާތަކަށް ހިލޭ ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ރަމަޟާން މަހު އާންމުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ވުޒާރާއިން ގިނަ އިޙްޔާ ފޯރަމްތަކަކާއި ދަރުސްތަކެއްވެސް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ.

