މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް މުޙައްމަދު ފަޒީން މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ލިބިފައިވާ މަޢުލޫމާތުގެ މަތިން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަމުންދަނީ ފަޒީންގެ މައްޗަށް ކުރެވިފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެކެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ބޭއްވުނު ހުރިހާ ކޮމިޓީ ބައްދަލުވުންތަކެއް ވަނީ ސިއްރުކުރެވިފައެވެ.
ކޮމިޓީން ނިންމި ނިންމުމުގައި، މަޖިލީހުގެ ތަޅުމުން މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން، ފަޒީނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ. މި މައްސަލައިގައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

