ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އެ ފިހާރަ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނަކީ ފުލުހުންނާއި ސިއްހީ ވުޒާރާއާއި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަތް ވޭޕްގެ އަދަދު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ މަހު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގަވައިދު ސިއްހީ ވުޒާރާއިން ގެޒެޓްކުރުމާއެކު، ވޭޕް އަތުލުމުގެ ބާރު ފުލުހުންނަށް ލިބިގެންދިޔައެވެ. މި ގަވައިދުގެ ދަށުން ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެއާއެކު ބޭނުންކުރުމަށް އުފައްދާފައިވާ އެއްޗެއް ބޭނުންކޮށްފިނަމަ ނުވަތަ އަތުގައި އޮތްނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުން، ކޯޓު އަމުރެއްގެ ދަށުން ނުވަތަ އެ ނޫން ގޮތަކަށް ވެސް ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފެންނަ މިފަދަ ތަކެތި އަތުލުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި އަތުލެވޭ ތަކެތި އަނބުރާ ނުދެވޭނެ ކަމަށާއި، އެ ތަކެތި ނައްތާލެވޭނެ ކަމަށްވެސް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.
މި އަހަރުގެ ތެރޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާކުރުމާ ގުޅިގެން، ފުލުހުން ވަނީ އެކި ފަހަރު މަތިން މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައެވެ.

