މާލޭގައި ގަވާއިދާ ޚިލާފަށް ވޭޕްގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއް ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ އެމްޑީ އަބޫ ސުފްޔާން އެވެ. މި މައްސަލައިގައި ކުރި އޮޕަރޭޝަނުގައި، ވޭޕް ވިއްކާ ކަމަށް ތުހުމަތުކުރެވޭ މީހާ ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ވަނީ ބަލައި ފާސްކޮށްފައެވެ.
ފުލުހުން ބުނާ ގޮތުގައި މި ބަލައި ފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖްގެ އިތުރުން ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާވެސް ވަނީ ފެނިފައެވެ.
މި އޮޕަރޭޝަނަކީ ފުލުހުންނާއި ސިއްހީ ވުޒާރާ އަދި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ރާއްޖޭގައި ވޭޕް ވިއްކުމަކީ މަނާ ކަމެއް ކަމަށްވާއިރު، މިފަދަ މައްސަލަތައް އިތުރުވަމުން އައުމާ ގުޅިގެން ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

