މާލޭ ރަސްފަންނު ސަރަޙައްދުގައި ވަގުތީގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްފަހު އެ ސަރަޙައްދު މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ އެ ސަރަޙައްދަށް ވަޑައިގެން ބައްލަވާލައްވާފައެވެ.
މިދިޔަ މަހުގެ ފަހުކޮޅު މަރާމާތުގެ މަސައްކަތަށް ބަންދުކުރެވުނު ރަސްފަންނުގައި، ބަރަކާތްތެރި ރަމަޟާން މަހަށް އާންމުންނަށް ބޭނުންކުރެވޭނެ ގޮތަށް ސާފުކުރުމުގެ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މިގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ ހަޓުތަކާއި، ބާބަކިޔު ސްޓޭންޑްތަކާއި، ފެންމާގަނޑުތަކާއި، މޫދަށް އެރޭ ސަރަހައްދު މަރާމާތުކޮށްފައެވެ.
2016 ވަނަ އަހަރު ތަރައްޤީކޮށް ހުޅުވާލެވުނު ރަސްފަންނަކީ މާލޭގެ ރައްޔިތުންގެ މެދުގައި ވަރަށް މަޤުބޫލު ތަނެކެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އެކަށީގެންވާ މަރާމާތު ނުކުރެވި ދިއުމުގެ ސަބަބުން އެތަނުގެ ވަސީލަތްތައް ވަނީ ހަލާކުވެފައެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްފަންނު ކުރިއަށްވުރެ ފުރިހަމައަށް ތަރައްޤީ ކޮށްދެއްވާނެ ކަމަށް އިޢުލާން ކުރައްވާފައެވެ. އަދި ރަމަޟާން މަހުގެ ނިޔަލަށް ރަސްފަންނު މަރާމާތުކޮށް ނިންމާ އާންމުންނަށް ބޭނުން ކުރެވޭގޮތަށް ހުޅުވާލާނެ ކަމަށް ސަރުކާރުން ވަނީ ބަޔާންކޮށްފައެވެ.
ރައީސް ވިދާޅުވެފައިވަނީ މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަންކަމުގައެވެ. އަދި މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

