މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ކޮތަރުތައް މަރުވަމުންދާ މައްސަލައިގައި، ކޮތަރުތަކަށް ޖެހިފައިވަނީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށާއި، މިއީ އިންސާނުންނަށް ނުރައްކަލެއް އޮތް ކަމެއް ނޫން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ހަގީގަތް ދެނެގަތުމަށްޓަކައި ސާމްޕަލް ނަގައި ތަހުލީލުކޮށްފައިވާ ކަމަށެވެ. މި ތަހުލީލުތަކުން ދައްކާގޮތުގައި ކޮތަރުތަކަށް ޖެހިފައިވަނީ “އިންފެކްޝަން ކޮރައިޒާ” ނަމަކަށް ކިޔާ ބައްޔެކެވެ.
“މިއީ އާންމުކޮށް ދޫނީގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މި ޑައިގްނޯސިސް ބިނާވެފައިވަނީ ބަލި ފެތުރިފައިވާ ގޮތާއި، ބަލީގެ އަލާމާތްތަކާއި، ނެކްރޯޕްސީ ހޯދުންތަކާއި އަދި ލެބޯޓްރީ ޓެސްޓުތަކުގެ މައްޗަށެވެ،” މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ބައްޔަކީ އެވިބެޓްރިއަމް ޕެރެގެލިނޭރަމް ނަމަކަށް ކިޔާ ދޫނީގެ ނޭވާލާ ނިޒާމަށް ހަމަލާދޭ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މީގެ އިތުރުން ތަހުލީލުތަކުން ދައްކާގޮތުގައި، ކޮތަރުތަކަށް ކޮކްސިޑީއޯސިސް، ކެންޑިޑިއޭސިސް އަދި އެހެނިހެން ބެކްޓީރިއަލް އިންފެކްޝަންތައްވެސް ޖެހިފައިވެއެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ނޭފަތުން ފެން އައުމާއި، ކެއްސުމާއި، ނޭވާލުމަށް އުނދަގޫވުމާއި، ބޮލާއި މޫނު ދުޅަވުމާއި، އަދި ކެއުން ބުއިމަށް އުނދަގޫވުން ހިމެނެއެވެ. ނަމަވެސް މިނިސްޓްރީން ބުނާގޮތުގައި މިއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަމިއްލައަށް ކޮންޓްރޯލްވާނެ ބައްޔެކެވެ.
މިނިސްޓްރީން އާންމުންނަށް އަންގާފައިވަނީ މި ބައްޔަކީ އިންސާނުންނަށް ނުރައްކަލެއް ކުރިމަތިކުރުވާނެ ބައްޔެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ރައްކާތެރިކަމުގެ ގޮތުން ކުޑަކުދިން މަރުވެފައިވާ ނުވަތަ ބަލިޖެހިފައިވާ ކޮތަރުތަކާ ކައިރި ނުކުރުމަށާއި، ބޮޑެތި މީހުންވެސް އެ ތަކެތީގައި އަތްލައި ހިފައި އުޅޭއިރު ރައްކާތެރި ވަސީލަތްތައް ބޭނުންކުރުމަށް އިރުޝާދު ދީފައިވެއެވެ.

