އްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ބާޠިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވުމަށް ކޯޓުން ދެއްވި މުއްދަތުގެ ތެރޭގައި ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ދީފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއްކަމަށާއި، އެ މުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައިކަމަށް އުޝާމް ވިދާޅުވިއެވެ. އަދި އެ މުއްދަތު ހަމަވަނީ 28 ފެބްރުއަރީ 2025 އަކަށް ނޫންކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އުޝާމް މިހެން ވިދާޅުވީ، އޭނާ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެންނެވެ.
އަލީ ހުސެއިން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، މައްސަލައިގެ ޖަވާބު ހުށަހެޅުމަށް ދެވުނު މުއްދަތު 28 ފެބްރުއަރީއަށް ހަމަވެފައިވާ ކަމަށެވެ. އަދި މިއަދާ ހަމައަށް ދިޔައިރުވެސް ބަންޑާރަ ނައިބު އޮފީހުން މައްސަލައިގެ ޖަވާބު ހުށަހަޅާފައިނުވާ ކަމަށާއި، ޖަވާބު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި އެއްވެސް ހުށަހެޅުމެއްވެސް ހުށަހަޅާފައިނުވާ ކަމަށް ކޯޓުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އުޝާމް ވިދާޅުވީ، “ތިކުރާ ކަންތައްތަކަކީ ކޮންމެ ސަބަބަކާ ގުޅިގެން ކުރާ ކަންތަކެއް ނަމަވެސް ފާޅުގައި ފެންނަން ހުންނަ ކަންކަމުގައިވެސް ތިވަރަށް ދޮގު ހަދައި އޮޅުވާލުމަކީ ތިމާމީހާގެ ނިޔަތް ސާފުވެގެންދާ ކަމެއް.” ކަމަށެވެ.
އުޝާމް އިތުރަށް ވިދާޅުވީ، މިފަދަ ދޮގު ވާހަކަތައް ފަތުރައި، ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ރަމަޟާން މަހުގައި ކޮންމެވެސް ހެޔޮ އަމަލެއް ކުރުމުގައި ޝާމިލްވުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ.

