ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަކަށް، ރަށްރަށުން މާލެއަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމަށްޓަކައި، ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު، ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކަށް ހުޅުވާލުމަށް އެމްޓީސީސީން ނިންމައިފިއެވެ.
މާލޭގެ ބަނދަރުތަކަކީ ދުވާލަކު އެތައް ސަތޭކަ އުޅަނދުފަހަރެއް އައިސް އަދި ފުރުމަށް ބޭނުންކުރާ ބަނދަރުތަކެކެވެ. ނަމަވެސް ބަނދަރުތަކުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން، އުޅަނދުތަކުން މީހުން އަރުވައި ބޭލުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހެއެވެ. މިކަމަކީ ޚާއްޞަކޮށް ސްކޫލް ބަންދު ދުވަސްވަރު އަދި އަހަރުގެ ބޮޑު ޗުއްޓީ ދުވަސްވަރު އިތުރަށް ބޮޑުވާ މައްސަލައެކެވެ.
މި ދަތިތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރަނީ އުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް، އެމްޓީސީސީން ވަނީ ފެރީ އޮޕަރޭޓަރުންނަށް އިތުރު ލުއިފަސޭހަކަމެއް ގެނެސްދީފައެވެ.
އެމްޓީސީސީން ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ފަޅު ބޭނުންކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 މާރޗް 2025 ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން އެ ކުންފުންޏަށް ހުށަހެޅުމަށް އެދިފައިވެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 7978865 ނަންބަރަށް ގުޅުމަށްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.
މި ނިންމުމާއެކު، ރަށްރަށުން މާލެއަށް އަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ލަފާފުރުމުގެ ކަންކަން ހަމަޖެހި، ފަޅު ތެރޭގައި އުޅަނދުފަހަރު ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ. ކުރިން މި ދެ ބަނދަރު ބޭނުންކުރަމުން އައީ ހަމައެކަނި އެމްޓީސީސީގެ އުޅަނދުތަކުން ކަމަށްވާތީ، މި ބަދަލަކީ ގިނަ ފަރާތްތަކަކަށް ފައިދާކުރާނެ ބަދަލެއް ކަމަށް ބެލެވެއެވެ.

