ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަރާލި ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ދިވެހި ފުލުހުންނަށް އަންގައިފިއެވެ.
މި މައްސަލައިގެ މަޢުލޫމާތު އެނގޭ އިސް އޮފިޝަލަކު ހާމަކުރި ގޮތުގައި، އެފްބީއައި އިން ހޯދި ހޯދުންތައް މިދިޔަ ހަފްތާގައި ވަނީ ފުލުހުންނާ ހިއްސާކޮށްފައެވެ. ޒަކިއްޔާ ފެނުނު އިރު އޭނާގެ ކަރުގައި ވަޅި އަޅާފައިވާކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް، އޭނާއަށް ލިބިފައިވާ އަނިޔާތަކަކީ މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކެއް ނޫންކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ރަށުގެ ގިނަ ރައްޔިތުން ޒަކިއްޔާ މަރާލި ކަމަށް ގަބޫލުކުރަނީ، އޭނާ މަރުވެފައި އޮއްވާ ފެނުނު ގުދަނުގެ ތެރޭގައި ވަޅިއެއް އޮތުމާއި، އެ ވަޅީގައި ޒަކިއްޔާގެ ލޭ ހުރުމުގެ ސަބަބުންނެވެ. މި މައްސަލައާ ގުޅިގެން ހޮޅުދޫގައި ސިލްސިލާކޮށް އިހުތިޖާޖުތައް ކުރިއަށްދާއިރު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިހާރުވެސް ހުންނެވީ އެ ރަށުގައެވެ.
މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ ތަހުގީގުގެ ހުރިހާ މަރުހަލާއެއް ނިމުމުން ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ. މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ޒަކިއްޔާ މޫސާގެ އޮޓޮޕްސީ ނަހަދަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫނެވެ. އަދި އޮޓޮޕްސީ ހެދިނަމަ، މިހާރު ރަށުގައި އޮތް ނުތަނަވަސްކަން ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެއެވެ. ނަމަވެސް ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި އެފްބީއައި އިން ނިންމި ނިންމުން ޒަކިއްޔާގެ އާއިލާގެ މެންބަރުންނާ ވަނީ ހިއްސާކޮށްފައެވެ.

