ރޯދަމަހަކީ އަޅުކަމާއި ހެޔޮ ޢަމަލުތައް އިތުރުކުރުމުގެ މައްޗަށް އަލިއަޅުވާލެވިފައިވާ މަހެކެވެ. މި މަހުގައި ކުޑަކުދިންނަށް ފައިދާހުރި ޙަރަކާތްތަކެއް ރާވައި، އެކުދިންގެ ވަގުތު ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކެއް ހޯދައިދިނުމަކީ މުހިންމު ކަމެކެވެ.
ޤުރުއާނާއި ދީނީ ތަޢުލީމު: ރޯދަމަހުގެ ހުސްވަގުތުތަކުގައި ކުދިންނާއެކު ޤުރުއާން ކިޔެވުމުގެ ކުދި މުބާރާތްތައް ބޭއްވިދާނެއެވެ. މިގޮތުން ދުވާލަކު ވަކި ވަގުތެއްގައި ކުދިން އެއްތަނަކަށް ޖަމާކޮށް، ޤުރުއާން ކިޔެވުމުގެ ވާދަވެރި މާޙައުލެއް ޤާއިމުކުރެވިދާނެއެވެ. އަދި ހަފްތާގެ ނިޔަލަށް އެންމެ ގިނައިން ޤުރުއާން ކިޔަވާ ކުދިންނަށް ހަނދާނީ ހަދިޔާ ދެވިދާނެއެވެ.

ރޯދަމަހު ކުދިންގެ ވަގުތު ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކެއް ބުނެދިނުންމުހިންމެވެ، / ފޮޓޯ:އެލްސީ
އިސްލާމީ ތާރީޚާއި ވާހަކަތައް: މެންދުރުފަހު އަރާމުކުރާ ވަގުތު ނުވަތަ ނިދަން އޮށޯވެލާ ވަގުތު ކުދިންނަށް އިސްލާމީ ތާރީޚުގެ ވާހަކަތަކާއި، ނަބިއްޔާގެ ސީރަތުން ވާހަކަތައް ކިޔައިދެވިދާނެއެވެ. މިފަދަ ވާހަކަތަކުން ކުދިންނަށް ޢިބުރަތްތަކާއި ފިލާވަޅުތައް ލިބި، އެކުދިންގެ އަޚްލާޤު ރަނގަޅުވެގެންދާނެއެވެ.

ރޯދަމަހު ކުދިންގެ ވަގުތު ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކެއް ބުނެދިނުންމުހިންމެވެ، / ފޮޓޯ:އެލްސީ
ރޯދަމަހުގެ ކަލަންޑަރު: ކުދިންނާއެކު ރޯދަމަހުގެ ޚާއްޞަ ކަލަންޑަރެއް ތައްޔާރުކުރެވިދާނެއެވެ. މި ކަލަންޑަރުގައި ކޮންމެ ދުވަހެއްގެ ސުފުރާގެ މަޢުލޫމާތާއި، ދީނީ ނަސޭހަތްތަކާއި، ދުވަހުގެ ޝިޢާރު ހިމެނިދާނެއެވެ. އަދި ކުދިން ކުރާ ހެޔޮ ޢަމަލުތަކަށް ތަރި ނުވަތަ ސްޓިކަރ ތަތްކުރެވިދާނެއެވެ. އަދި ރޯދަ ހިފާ ދުވަސްތައްވެސް ފާހަގަކުރެވިދާނެއެވެ.

ކުދިން ކުރާ ހެޔޮ ޢަމަލުތަކަށް ތަރި ނުވަތަ ސްޓިކަރ ތަތްކުރެވިދާނެ/ ފޮޓޯ:އެލްސީ
ސަދަޤާތުގެ މުހިންމުކަނ: ރޯދަމަހުގައި ކުދިންނަށް ސަދަޤާތް ދިނުމުގެ މުހިންމުކަން ދަސްކޮށްދެވިދާނެއެވެ. މިގޮތުން ކޮންމެވެސް ދުވަހެއްގައި ކުޑަ އަދަދެއްގެ ފައިސާކޮޅެއް ނޫނީ ކޮންމެވެސް ކާއެއްޗެއް ވިޔަސް، އެ ފައިސާއިން ބައެއް ނުވަތަ ކާތަކެތި ސަދަޤާތް ކުރުމަށް ނަސޭޙަތްދީ އަމިއްލައަށް އެކަން ކުރުމަށް ދޫކޮށްލައި، އަދި ފަހުން އެކަން ކުރިތޯ އަހައި އޮޅުން ފިލުވުމަށްފަހު، ކުއްޖާ ސޮދަގާތެއް ދީފިނަމަ ސާބަސްދީ ހިތްވަރުދޭންވާނެއެވެ. އަދި އެއްވެސް އެއްޗެއްް ނެތް ހާލުގައިވެސް ހިނިތުންވެ ހެޔޮހިތުން ހީނލުމަކީވެސް ސޮދަގާތެއްކަން ބުނެދޭންވާނެއެވެ. އަދި ސަދަޤާތް ދިނުމުގެ މާތްކަމާއި، އޭގެ ސަބަބުން ލިބޭ ދަރުމައާ ބެހޭ ގޮތުން މަޢުލޫމާތު ދެވިދާނެއެވެ.

ރޯދަމަހު ކުދިންގެ ވަގުތު ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކެއް ބުނެދިނުންމުހިންމެވެ، / ފޮޓޯ:އެލްސީ
އިޖުތިމާޢީ ޙަރަކާތްތައް: ރޯދަމަހުގައި ކުދިންނާއެކު އެކި ބާވަތުގެ އިޖްތިމާޢީ ޙަރަކާތްތައް ހިންގިދާނެއެވެ. މިސާލަކަށް، ރޯދަވީއްލުމުގެ ކާނާ ތައްޔާރު ކުރުމުގައި ކުދިންގެ އެހީތެރިކަން ހޯދިދާނެއެވެ. އަދި ހަވީރު ވަގުތުތަކުގައި ކުދިންނާއެކު މިސްކިތަށް ގޮސް، ޖަމާޢަތުގައި ނަމާދުކުރުމުގެ މުހިންމުކަން ދަސްކޮށްދެވިދާނެއެވެ.

ރޯދަމަހު ކުދިންގެ ވަގުތު ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކެއް ބުނެދިނުންމުހިންމެވެ، / ފޮޓޯ:އެލްސީ
ރޯދަމަހުގައި ކުދިންނާއެކު މިފަދަ ޙަރަކާތްތައް ހިންގުމުން، އެކުދިންގެ ހިތްތަކުގައި ދީނީ ލޯބި އުފެދި، ހެޔޮ އަޚްލާޤު އަށަގަނެ، އިސްލާމީ އުޞޫލުތަކާއި އަޅުކަންތައް ދަސް ވެގެން ދާނެއެވެ. އަދި މި މަހުގެ ބަރަކާތްތެރި ކަމާއި މާތްކަން ވެސް އެކުދިންނަށް އިޙްސާސްކުރެވޭނެއެވެ

