ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ފިނިބުރެއް މިއަދު މާލޭގައި ބާއްވައިފިއެވެ.
“އެކުވެރިކަމުގެ ފިނިބުރު 2025” ގެ ނަމުގައި ބޭއްވުނު މި ބުރު ފެށުނީ މިއަދު ހަވީރު 4:00 ގައި ހެނދުނުގޮނޑުދޮށު ސަރަހައްދުންނެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވުނު މި ބުރުގައި އެ ވުޒާރާގެ އިތުރުން ދައުލަތުގެ އެހެނިހެން ބައެއް އޮފީސްތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ބައިވެރިވިއެވެ. މި ސައިކަލު ބުރު ނިމުނީ ރަސްފަންނު ސަރަހައްދުގައެވެ.
ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހަކީ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމާފައިވަނީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަން ނިންމީ، 2017 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު ތަރިކަ މަޝްރޫޢު އިފްތިތާޙު ކުރެވުނު ދުވަސް ކަމަށްވާތީއެވެ. އެ މަޝްރޫޢަކީ ދިވެހި ޤައުމިއްޔަތާ ގުޅުންހުރި ގިނަ ކަންތައްތަކެއް އެކުލެވޭ މަޝްރޫޢެއް ކަމަށްވާތީ، ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި މި ދުވަސް ފާހަގަކުރުމަށް ނިންމާފައިވެއެވެ.
މި އަހަރުގެ ފިނިބުރުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އަދި އެހެނިހެން އިސް ބޭފުޅުން ހިމެނެއެވެ.

