މޯލްޑިވިއަން އިން އޭ330-200 ގެ އެއާބަސްގެ އިތުރު ބޯޓެއް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި އިއުލާނުގެ މުއްދަތު އިތުރުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ 23:59 އާ ހަމައަށެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން މި މަތިންދާބޯޓު ހޯދުމަށް އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ބޯޓު ކުއްޔަށް ނެގުމަށް ބޭނުންވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
މޯލްޑިވިއަން އިން އޭ330-200ގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. އެ ބޯޓުން މިހާރު ދަނީ ޗައިނާގެ އެކި ސިޓީތަކަށް ދަތުރުތައް ކުރަމުންނެވެ.
މި އިއުލާނުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ސަރުކާރުން ވަނީ އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރުގައި ގެނައުމަށް ނިންމާފައެވެ.
މި އިތުރުކުރެވޭ ބޯޓުތަކާއެކު މޯލްޑިވިއަންގެ ވައިގެ އުޅަނދުފަހަރުގެ އަދަދު އިތުރުވެ، ދުރު މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

