ސޯޝަލްމީޑިއާގެ އިންފްލުއެންސާ އަދި ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީންގެ މަންމަ ނިޔާވުމާ ގުޅިގެން ކައިޒީން ބުނެފައިވަނީ މިހާ ޅަ އުމުރެއްގައި މަންމަ ވަކިވެ ދިއުމަކީ ލިބުނު ބޮޑު ހިތާމައެއްކަމަށެވެ.
ކައިޒީންގެ މަންމަ، ޅ. ނައިފަރު/ފަތަނގުމާގެ ޒާހިދާ މުހައްމަދު ނިޔާވެފައިވަނީ އިންޑިއާގެ ކޮޗިންގެ އެސްޓާ މެޑިސިޓީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަނިކޮށެވެ.
ޒާހިދާ ނިޔާވީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. މަރުހޫމާގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު މެންދުރު 11:00 ގައި އިންޑިއާގެ ކޮޗިންގައި ބާއްވާފައިވެއެވެ.
އަދި މަރުހޫމާގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިއަދު ހުކުރު ނަމާދަށްފަހު މާލޭގެ ސަލްމާން މިސްކިތުގައި ބޭއްވުނެވެ.
މަންމަގެ ނިޔާވުމާ ގުޅިގެން އިއްޔެ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ކައިޒީން އިތުރަށް ބުނެފައިވަނީ "މިވަގުތު އޭނާ ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ހިތާމައަކީ އޭނާ ދުވަހަކުވެސް އަރައިނުގަނެވޭނެ ހިތާމައެއް" ކަމަށެވެ.

ކައިޒީން އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓް
ރާއްޖޭގައި ނަން މަޝްހޫރު މޮޑެލް ކައިޒީން އަކީ ގިނަ ބައެއްގެ ލޮތްބާއި ތަރުޙީބު ހޯދާފައިވާ މީހެކެވެ. ކައިޒީންގެ އިންސްޓަގްރާމްގައި އެކަނިވެސް 141 ހާސް ފޮލޯވަރުން އެބަތިއްބެވެ.

