އަހަންމާގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ކަތްދަ ރޮމުން ދިޔައެވެ. ދުވަސްތަކަކަށް ފަހު އިންސާނެއްގެ ފަރާތުން އޯގާތެރިކަން ކަތްދައަށް ލިބުނީ އަހަންމާގެ ފަރާތުންނެވެ. އެހެން ނޫނީ ކަތްދައަށް ލިބެމުން ދިޔައީ ތުރާލާއި ހިތްދަތިކަމެވެ. މީހުންގެ އުނދަގުލާއި ފުރައްސާރައެވެ. އެހެންކަމުން ކަތްދަ އުޅެމުން ދިޔައީ މީހުން ދިރި ނޫޅޭ މީހުންގެ ހިލަމެއް ނުވާ ހިސާބުގައެވެ. މީހެއްގެ އުނދަގުލެއް ނުފޯރާނެ ހިސާބު ވަލުތެރޭގައެވެ. އޭނާގެ ދެ ދަރިން ގޮވައިގެންނެވެ.
އަހަންމާ އަށް ކަތްދަ ފެނުނީ އެ ގެއަށް ދަރިން ފެންވަރުވަން އައި ރެއެއްގައެވެ. އިއްތިފާގުން ކަތްދަ ފެންވަރާ ނިމުނު ވަގުތު ވީ އަހަންމާ ކުޑަކަމު ދިއުމަށް ގެއިން ބޭރަށް ނުކުތް ވަގުތަށެވެ. ކަތްދަގެ ރީތިކަން ފެނި އަހަންމާ ގެ ހިތް ވަގުތުން ކަތްދައަށް ދެވުނެވެ. ކަތްދަގެ ފުރަގަހުން ގޮސް އޭނާގެ އަތުގައި އަހަންމާ ހިފިއެވެ. ކަތްދަ ސިހިފައި ފަހަތް ބަލާލިއެވެ. އެ ވަރަށް ސިއްރުން އުޅުމުން ވެސް މީހެއްގެ އަތް ދަށުވުމުން ކަތްދަ ބިރު ގަތެވެ. ދެރަވިއެވެ. ގަތް ބިރުން ކަތްދަ ތުރުތުރުލާން ފެށިއެވެ. އެ ގޭގެ ގިފިލި ބޭނުން ކުރެވުނީތީ މާފަށް އެދުނެވެ. ދެ ކުދިންގެ ހައްޤުގައި އޭނާ ދޫކޮށްލުމަށް އާދޭސް ކުރިއެވެ.
އަހަންމާ އެ ކަމަށް އެއްބަހެއް ނުވިއެވެ. އަހަންމާ ގެ އިހު އަދި ފަހު ބަހަކަށްވީ އޭނާ އާއި އެކު މުޅި އުމުރަށް އުޅެން އެއްބަސް ވާނަމަ ދޫކޮށްލައި ފާނެ ކަމަށެވެ. އަހަންމާ ގޮތްދޫ ނުކުރާނެ ކަން އެނގުމުން އެ ނޫން އެހެން ގޮތެއް ނެތިގެން ކަތްދަ އެކަމަށް އެއްބަސް ވިއެވެ. އަހަންމާ އާއެކު ދިރިއުޅުމަށް އަހުދު ވިއެވެ. ޝަރުތަކާއި އެކުއެވެ. އޭނާ އާއި އެކު އޭނާ އުޅޭ ތަނެއްގައި އުޅުމަށް އަހަންމާ އެއްބަސްވާނަމައެވެ.
މިއަދު އެކަމަށް އެއްބަސްވެ އަހަންމާ ވެސް އެހުރީ ކަތްދަ އާއެކު މީހުން ހިލަމެއް ނުވާ ހިސާބަށް އައިހެވެ. ކަތްދަ އާއި ދެ ކުދިންނަށް ބޭނުން ވާނެ ބޯ ހިޔާވަހިކަމެއް ހޯދުމަށް ކުޑަވަރެއްގެ ގެއެއް އަހަންމާ އެޅިއެވެ. ކުޑަވަޅެއް ތައްޔާރުކޮށް ދެން ރަށުތެރެއަށް ފެންވަރާން ދާން ނުޖެހޭވަރު ކޮށްދިނެވެ. ވަލުތެރެން ލިބޭ އެއްޗަކުން އެ އާއިލާގެ ދުވަހުގެ ބޭނުންތައް ފުއްދަމުން ގެއްދިއުމުގާއި އަހަންމާ އާއި ކަތްދަ އެއްވަރަކަށް މަސައްކަތް ކުރަމުން ދިޔައެވެ.
ކަތްދަގެ ހަޔާތުގެ ވާހަކަ ދޭތެރެ ދޭތެރެއިން އަހަންމާ އަހައެވެ. އެހެން ނަމަވެސް އެތަށް ދުވަހެއް ވީއިރުވެސް ކަތްދަ އޭނަގެ ހަޔާތުގެ ވާހަކަ ކިޔާދިނުމަށް ދިޔައީ އިންކާރު ކުރަމުންނެވެ،
އެހެނަސް މިއަދު ކަތްދަ އޭނާގެ ހަޔާތުގެ ބައިވެރިޔާ އަހަންމާގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ރޮމުން ކިޔާދޭން ފެށީ އޭނާގެ ހަޔާތުގައި ދިމާވި ހިތްދަތި ވާހަކައެވެ. އަހަންމާ އަކީ ކަތްދަ އަށް އޯގާތެރިއެއް ކަން ޔަގީންވީ ހިސާބުން އޭނާގެ ހިތްދަތި ހަޔާތް އަހަންމާގެ ކުރިމަތީ ނިއުޅާލަން ކަތްދަ ވެސް ބޭނުން ވީއެވެ.
އެއީ ކަތްދަ ގެ ޅަ ދުވަސްވަރެވެ. ބައްޕަ އާއި މަންމަ ކަތްދަ ގޮވައިގެން އުޅެމުން އައީ ވަލުތެރޭގައެވެ. ކަތްދަ އަކީ މީހުން ހިތް ދަމައިގަންނަ ފަދަ ރީތި ކަމެއް ލިބިފައިވާ އަންހެން ކުއްޖެކެވެ. އެހެންކަމުން މީހެއްގެ ފަރާތުން ކަމެއް ދިމާވެދާނެ ކަމުގެ ބިރަށް ކަތްދަ ގެ މަންމަ ބުނި ބުނުމަށް އެމީހުން ވަލުތެރެއަށް ދިރިއުޅުން ބަދަލުކުރީއެވެ. މީހެއް ގެ ހިލަމެއް ނުވާ އެ ތަނުގައި ކަތްދަ އާއި އާއިލާ އުޅެމުން ދިޔައެވެ. އެ ކުޑަ ކުޑަ އާއިލާގެ ތެރޭގައި ވަނީ އުފާވެރިކަމެވެ.
އެއް ދުވަހެއްގެ ރޭގަނޑު ކަތްދައަށް ހޭލެވުނީ މަންމަ އާއި ބައްޕަ ގެ ޒުވާބު ގެ އަޑަށެވެ. އެ މީހުން ކިޔާ އެއްޗެއް އަޑު އަހަން ކަތްދަ ލޯމަރާލައިގެން އޮތެވެ.
“އެވަރުން އަހަރެން މިތަނަށް މި ބަދަލުވީ ވެސް މީހުންގެ ކިބައިން ކަތްދަ ސަލާމަތް ކުރަން …ކިހިނެއް އެނގޭނީ ބަފައެއް ތިހެން އުޅޭނެ ކަމެއް.. ނަސީބެއްނު އަހަންނަށް ހޭލެވުނު ކަން …އެހެން ނޫނީ ނޭނގެ ވާނެ ގޮތްވެސް ” މަންމަ ގެ އަޑު ބާރެވެ.
“ހައްވަ ގެ ޝައްކު ބަލި ބޮޑީ …ތި ވަރު މީހަކާ އެކު ކިހިނެއް އުޅޭނީ … ގޮތް ކުޑަކަމުން ތިޔަ ހުރީ އަހަންނާ ދިމާއަށް ބުނެލި އެތި،” ދެން އުވުނީ އޭނާގެ ބައްޕަ އިބްރާހިމްގެ އަޑެވެ. މަންމަ ގައިގާ ބާރަށް ޖެހި އަޑުވެސް އިވުނެވެ. ދެން އިވުނީ މަންމަ “އިބުރާހިމާ ތިހެން ނުހަދާށޭ!” ގޮވާ އާދޭސް ކުރާ އަޑެވެ، ރޮމުން ނެވެ. ގިސް ލަމުންނެވެ. އެ އަޑުގައި ރިހުން އެކުލެވިގެން ވާކަން ކަތްދައަށް ގައިމެވެ. އެހެން ނަމަވެސް ފުރާވަރުގެ ކަތްދައަށް އެ މަންޒަރެއް ނުފެނެއެވެ. ކަތްދައަށް ހީވާގޮތުން ބައްޕަ ދިޔައީ މަންމަ އަށް އަނިޔާ ކުރަމުން ނެވެ. އެހެން ކަމުން ފަން ބިތްގަނޑު ކުޑަކޮށް ދުރުކޮށްލަމުން ކަތްދަ އެއް ލޮލުން ބޭރަށް ނަޒަރު ހިންގާލިއެވެ. ކުޑަކުޑަ ކަތްދައަށް ފެނުނީ އޭނާގެ މަންމަ އަށް ބައްޕަ އަނިޔާ ކުރާ މަންޒަރެވެ. ދެން ފެނުނީ މަންމަ ގޮވައިގެން ބައްޕަ ވަލުތެރެއަށް ހިނގައިގަތް މަންޒަރެވެ. ކަތްދަ ބިރުގަތެވެ. މަންމަ އަށް ދެން ވެދާނެ ގޮތަކާމެދު ކަންބޮޑުވިއެވެ. އެހެނަސް… ކުޑަކުޑަ ކަތްދަ އަކަށް ހިރުވާލާކަށް ވެސް ނުކެރުނެވެ. ދެ ފައި ކުރު ކޮށްލައިގެން ބޮދާލައިގެން އޮތީއެވެ. ބިރުން ސިހޭ ހާލުގައެވެ.
އެތަށް އިރަކަށް ފަހު ގެއަށް އައީ ބައްޕަ އެކަންޏެވެ. ބިރު ގެންފައި އޮތް ކަތްދަ އަށް އެހެން އޮވެގެން އެންމެ ފަހުން ނިދުނީއެވެ.
އެނެއް ދުވަހު އިރު އެރި އިރު މަންމައެއް ނެތެވެ. މަންމަ ނެތި މާ ގިނަ އިރު ވާން ފެށުމުން ކަތްދައަށް ނުހުރެވިގެން މަންމަ ކޮބައިތޯ ބައްޕަ އާއި ސުވާލު ކުރިއެވެ. ޖަވާބުގައި ކަތްދަގެ ބައްޕަ ބުނީ މަންމަ އެމީހުން ދޫކޮށްފައި ހިނގައްޖެ ކަމަށެވެ. ދެން ދުވަހަކު ވެސް މަންމަ އެ މީހުންގެ ގާތަށް ނާންނާނެ ކަމަށެވެ. ކަތްދަ ރުޔެވެ. މަންމަ ގެނަސް ދިނުމަށް އެދި އާދޭސް ކުރިއެވެ. އެހެނަސް ދެން މަންމަ ނާންނާނެ ކަމުގައި ބުނެ އިބްރާހީމް ކަތްދަ މަސަލަސް ކުރިއެވެ.
ކަތްދަ އުމުރުން ފަނަރަ ސޯޅަ އަށް އެރި އިރު ކަތްދަ ގެ ރީތިކަން ދެގުނަ ވިއެވެ. އެޔާއެކު، ކަތްދައަށް އޭނާގެ ބައްޕަ ގެ އުނދަގޫ ފޯރުން އިތުރު ވިއެވެ. މަންމަ އޭގެ ވާހަކަ ކަތްދަ ކައިރީ ދައްކާފައި ހުރުމުން ބައްޕަގެ ކޮންމެ އަމަލެއް ގޯސް ކަން ކަތްދައަށް އެނގެއެވެ. އެހެން ނަމަވެސް ކިތަންމެ އިންކާރެއް ކުރި އަސް އެ ގައިދު ގައި ބެނދެވިގެން ހުރުން ނޫން ދެން އޮތީ ވެސް ކޮން ގޮތެއްހޭ ކަތްދަ ހިތަށް އެރިއެވެ.
އެ ގޮތުގައި ތިން އަހަރު ފާއިތުވީ އިރު ކަތްދައަށް ދެ ކުދިން ލިބިއްޖެއެވެ. އެ ހުރިހާ ކުދިންގެ ވެސް ބައްޕަ އަކީ ކަތްދަގެ އުފަން ބައްޕައެވެ. އެ މުޑުދާރު ބައްޕަ ގެ އަމަލުތައް އެވަރުން ވެސް ހުއްޓުމަކަށް ނައެވެ. ކޮންމެ މީހަކަށް ވެސް ކޮންމެވެސް ދުވަހަކުން ހިތްވަރެއް ލިބޭނޭ ބުނާ ފަދައިން ކަތްދަ އަށް ވެސް އެއް ރެއަކު އެ ހިތްވަރު ލިބިގެން ދިޔައެވެ. ކަތްދަގެ ބައްޕަ އެ ރޭވެސް ކަތްދަ ގެ ކައިރިއަށް އައީ އޭނާގެ ހިތުގެ އުފާވެރިކަން ހާސިލު ކުރާށެވެ. ކަތްދަ އޮތީ އެ ފުރުސަތަށް ރަގަނޅަށް ތައްޔާރު ވެގެންނެވެ. ނިދާކަމަށް ހަދާ ލޯ މަރާ ތަގުޅި ކޮށްގެންނެވެ. އެހެނަސް ހުޝިޔާރު ވެގެންނެވެ. ބައްޕަ ކަތްދައާއި ދިމާއަށް ގުދުވި ވަގުތު ކުއްލިއަކަށް ގެނައި ހަރަކާތަކާއެކު އަތުގައި އޮތް ބޮޑު ވަޅި ބައްޕަގެ މެޔަށް އަމާޒު ކޮށްލިއެވެ. ބައްޕަގެ އަނގައިން ބިރުވެރި ވޭނީ އަޑެއް ބޭރުވުމާއި އެކު، ބިންމައްޗަށް އުއްޑުން ވެއްޓުނެވެ. ކަތްދަ ހަލުވި ކަމާއެކު ތެދުވެ ބައްޕަގެ ގައިމަތީ އިށީދެ ވަޅިން ބައްޕަގެ އެތަން މިތަނަށް ހަމަލާ ދިނެވެ. ބައްޕަގެ ހަރަކާތް ހުއްޓުނު އިރެއް ވެސް ކަތްދަ އަކަށް ނޭނގެއެވެ. ކަތްދަގެ ހޭވެރިކަން ވީ ހާލާ އި ކޮވެލިތަކުގެ ގޮވުމަށެވެ. އޭރު ކަތްދަގެ ބައްޕަ އިބްރާހީމް މަރުވެ ތަންޑާވެފައި އޮތެވެ. އޭނާގެ ކައިރީގައި އޮތީ ލޭގެ ކޯރު ދެމިފައެވެ.
ކަތްދަ ލޮލުން އަންނަމުން ދިޔަ ކަރުނަ ތައް ފުހެ ލަމުން އަހަންމާ ބެނެލިއެވެ. ތިޔަ ވާހަކަ އަޑު އެހުމަށް ފަހު އަހަރެންގެ ހިތުގައި ކަތްދައާއި މެދުގައި އޮތް ލޯބި ދެ ގުނަ ވެއްޖެ ކަން ޔަގީނެވެ. ކަތްދަ އާއި އަހަރެން ދިމާވީ ސަފަރު މަހެއް ގައެވެ. އެހެން ވީމާ، މީގެ ފަހުން އަހަރެން ދެން ލޯބިން ކިޔާނީ ސަފަރު އެވެ. ކަތްދައަށް އެންމެ ރަގަނޅު ހެއްޔެވެ. ތިޔަ އީ އަހަރެންގެ ލޯބިވާ ސަފަރު ކަތްދަ އެވެ.

