އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވަނީ، މާލެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނެ އައު ޓާމިނަލްތައް ހަމަޖައްސަވައި ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކޮށްފައެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަށްރަށުން މާލެއަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން، މާލޭ ހެންވޭރު ޓާމިނަލް އަދި ހުޅުމާލޭ ޓާމިނަލް ލޯންޗްތަކާއި ފެރީތަކަށް ހުޅުވާލުމަށް ގަސްދުކުރާ ކަމަށެވެ.
މިކަމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ކަރަމް ވިދާޅުވެފައިވަނީ، “ކުރީ ދެ ސަރުކާރުގައި މިކަން ކުރަން ގިނަ އިދާރާތަކާއެކު ވާހަކަ ދެކެވުނު ނަމަވެސް އެކަން ވުޖޫދަށް ނައި” ކަމަށެވެ. އެހެންކަމުން މި ސަރުކާރުން މިކަން ހަމަޖައްސައިދެއްވުމުން ކަރަމް ވަނީ ރައީސް މުއިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ.
އެމްޓީސީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ފަޅުތައް ބޭނުންކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ކުންފުނީގެ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ހުށަހެޅޭނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރައީސް ޑރ. މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރެވޭ ކަންތައްތަކުން ރަށްރަށުގެ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަމެވެ.

