ވަކި ސިޔާސީ ޕާޓީއެއްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައި ނުވާނެކަމަށް އާސަންދަ ކުންފުނިން މިއަދު ވިދާޅުވެއްޖެއެވެ.
އާސަންދައިން މިފަދައިން ވިދާޅުވެފައިވަނީ، ޕީއެންސީގެ މަޖިލިސް މެންބަރުން ބޭނުންވާ ފަރާތްތަކަށް އާސަންދަ ހަމަޖައްސައިދޭން ޚާއްސަ ޑެސްކެއް ޤާއިމުކޮށްފައިވާކަމަށް އޮންލައިން މީޑިއާއެއްގައި ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އާސަންދައިން ވިދާޅުވެފައިވަނީ މިއީ “ކަނޑައެޅިގެން ދޮގު ޚަބަރެއް” ކަމަށެވެ.
2011 ވަނަ އަހަރު ޤާއިމްކުރެވުނު އާސަންދަ ކޮމްޕެނީ ލިމިޓެޑަކީ، ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސުމަށް ދައުލަތުގެ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް އެކަމާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.
އާސަންދަ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރައްޔިތުންނަށް ބޭސް ހޯދުމުގައި މާލީ ތަކުލީފެއް ކުރިމަތިނުވާނެ ގޮތަށް، އަދި އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރުމަށް ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން 11 ކަމެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މި ބަދަލުތަކުގެ ތެރޭގައި ރާއްޖޭގައި ޕްރެސްކްރައިބް ކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ.

