ކާނާގެ ބާވަތްތައް ސަޕްލައިކޮށް، މެންދުރު ކާގަޑީގައި ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވަރީކުރަމުން ދިޔަ 32 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިއީ އިމިގްރޭޝަން ވޮޗަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައި ފާސްކުރުމަށްފަހު، އަތުލައިގަނެފައިވާ ބިދޭސީންނެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މއ. ހިތިލާގެ 2 އަކީ ގަނޑުކުރި މަހާއި، ތަރުކާރީ އަދި އެހެނިހެން ކާބޯތަކެތި ސަޕްލައިކުރާ ތަނެއްގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެކެވެ. މީގެއިތުރުން އެތަނަށް ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ގެންދާކަމާއި، މެންދުރު ކާގަޑީގައި ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވަރީކުރުމަށް މީހުން ނުކުންނަ މަންޒަރު ފެންނަކަމަށް އިމިގްރޭޝަން ވޮޗަށް ރިޕޯޓުކޮށްފައިވެއެވެ.
އިމިގްރޭޝަނުން ހާމަކުރެއްވި ގޮތުގައި، މި އިމާރާތަކީ ކައްކާ ތަނެއްގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދިޔަ ތަނެކެވެ. ޑެގު އަޅައިގެން ހަދާފައިވާ 4 ފަންގިފިލާގެ މި އިމާރާތުގައި ޖުމްލަ 76 ބިދޭސީން ދިރިއުޅެމުން ދިޔައެވެ.
އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދެވުނު 32 ބިދޭސީންގެ ތެރޭގައި ހިމެނެނީ ސައްހަ ވިސާ ނެތި އުޅެމުންދިޔަ މީހުންނާއި، ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅެމުންދިޔަ މީހުންނެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ފާއިތުވި 2024 ވަނަ އަހަރު އެކަނިވެސް 5،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކުރެވިފައިވެއެވެ.

