ޝައި ޕްރޮޑަކަޝަން އާއި ސެޓަރން ސްޓޫޑިޔޯ ގުޅިގެން ގެނެސްދޭ ވަރުގަދަ ފިލްމް ”ކޭޖީއެމް” ގެ ޝޫޓިން ނިންމައި ކާސްޓުންނާއި ފިލްމްގެ ޓެކްނިކަލް ކުރޫ މާލެ އަތުވެއްޖެއެވެ.
ފިލްމްގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ މ.މުލަކަށް ކާސްޓުންނާއި ކުރޫ ފުރާވައިވަނީ ޖެނުއަރީ 27 ގައެވެ. ބާރު ސްޕީޑުގައި ފިލްމްގެ މަންޒަރުތައް މ.މުލަކުގައި ނެގުމަށްފަހު 37 ދުވަސް ފަހުން މި ޓީމް މާލެ އައިސްފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.
ކޭޖީއެމް ފިލްމްގެ ޕްރޮޖެކްޓް މެނޭޖަރ ޙުސައިން ޝިނާނު މަޢުލޫމާތު ދިން ގޮތުގައި ފިލްމްގެ ހުރިހާ މަންޒަރުތަކެއް މުލަކުގައި ނަގައި ނިމިފައިވާއިރު ފިލްމްގައި ފެނިގެންދާ ވަރަށް ޚާއްސަ ލަވައެއް މާލޭގައި ޝޫޓް ކުރަން ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.
ޔޫސުފް ޝަފީޢު (ޔޫއްޕެ) ގެ ވާހަކަ އަކަށް އުފައްދާ މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަން އެވެ.
ކޭޖީއެމް އަކީ 2019 ވަނަ އަހަރު ވީ މީޑިޔާ އިން ”ކޮސް ގިނަ މިސްޓޭކް” ގެ ނަމުގައި އުފައްދަން ފެށި ފިލްމެކެވެ. ނަމަވެސް ފިލްމްގެ މަސައްކަތް ހުއްޓިފައި ވަނިކޮށް، ބަދަލު ތަކަކާއި އެކު އަލުން ފިލްމްގެ މަސައްކަތް ފައްޓާފައިވަނީ ޝައި ޕްރޮޑަކްޝަން އާއި ސެޓަރން ސްޓޫޑިއޯ ގުޅިގެންނެވެ.
މި ފިލްމަކީ ފިލްމީ ދާއިރާގެ ވަރަށް ގިނަ ފަންނާނުންތަކެއް އެއް ފިލްމަކުން ފެނިގެންދާނެ މަލްޓި ކާސްޓިންގް ފިލްމެކެވެ. އެގޮތުން ފިލްމްގެ މައިގަނޑު ތަރީންގެ ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، މަރިޔަމް ޢައްޒަ، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަން ގެ އިތުރުން ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ. މި ފިލްމްގެ ކެމެރާމަނަކީ ތަޖުރިބާކާރު ކެމެރާމަން އިބްރާހިމް ވިސާން (ކަނޑި) އެވެ.
ފިލްމްގެ ޕްރޮޑިއުސަރުންނަކީ ބެލުންތެރިންގެ މަޤުބޫލު ފިލްމްތައް ކަމުގައިވާ ”ނޯޓީފޯޓީ” ”ފޯރޓީޕްލަސް” އަދި ކާމިޔާބު ފިލްމް ”ލޯބިވެވިއްޖެ” ”ކަމަނާ” ފަދަ ފިލްމް ތައް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައިވާ ދެ ޕްރޮޑިއުސަރުން ކަމުގައިވާ އިސްމާއިލް ޝަފީޤު އާއި ޝާނިޒް ޢަލީ އެވެ.
މި ފިލްމަކީ މިއަހަރު ބެލުންތެރިންނާއި ހަމަޔަށް އަންނާނެ އެންމެ ވަރުގަދަ އެއްފިލްމަށް ވެގެންދާނެކަމުގެ އުންމީދު ބޮޑު ފިލްމެކެވެ.

